ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް އެކީގައި ލީޑް ރޯލުން ފެނިގެންދާ ފިލްމު ބާރަތް އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. މި އަހަރުގެ ކުރީކޮޅު ނެރެން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަލީ އައްބާސް ޒަފަރު އެވެ.
ފިލްމުގެ ޓީޒާއެއް މީގެ ކުރިން ނެރެފައިވާއިރު އޭގެން ހަމައެކަނި ފެންނަނީ ސަލްމާނެވެ. ފިލްމުގައި ސަލްމާން ފަސް ރޯލަކުން ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ އޮގަސްޓްގައި ޝޫޓް ކުރަން ފެށި މި ފިލްމުގެ ޝޫޓިން މިހާރު މިވަނީ ނިންމާލާފައެވެ. ގިނަ ލޮކޭޝަން ތަކެއްގައި ޝޫޓްކޮށްފައިވާ ބާރަތްގެ އެންމެ ފަހުގެ ޝޮޓްތައް ނަގާފައިވަނީ މުމްބާއީގައެވެ.
ކެޓްރީނާ ވަނީ އޭނާގެ އިންސްޓަގްރާމުގައި ފިލްމުގެ ޝޫޓިން ނިމުނު ވާހަކަ ބުނެފައެވެ. ސަލްމާނާއެކު ނަގާފައިވާ ފޮޓޯއަކާއެކު ފިލްމުގެ ޝޫޓިން ނިމުނު ވާހަކަ ކެޓްރީނާ ބުނެފައިވާ ޕޯސްޓުގައި ސަލްމާނަށް މުހާތަބު ކޮށްފައިވަނީ "ބެސްޓް ބޯއީ"ގެ ނަމުންނެވެ.
ކެޓްރީނާ އާއި ސަލްމާން އެކީގައި އެންމެ ފަހުން ފެނިފައިވަނީ "ޓައިގަރ ޒިންދާ ހެއި" އިންނެވެ.