ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ގެލެކްސީ އެސް10 ދިރާގުން ލޯންޗުކޮށްފިއެވެ.
ދިރާގުން އެސް10ގެ އާ ފޯނުތައް ރާއްޖޭގައި ލޯންޗުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ އިވެންޓުގައި ސެމްސަންގްގެ އެސް10 އާއި އެސް10 ޕްލަސް ވޭރިއަންޓުތައް ވަނީ އާންމުންނަށް ދައްކާލައިފައެވެ. އަދި އާންމުންނަށް އެ ތަކެތި ބޭނުންކޮށްލުމުގެ ފުރުސަތުވެސް ވަނީ ދިރާގުން ދީފައެވެ.
އެ އިވެންޓުގައި ދިރާގުން ވަނީ ސެމްސަންގ ގެލެކްސީ އެސް 10 އަށް ޕްރީ އޯޑާ ކުރަން ފަށާނެ ތާރީޚު އިއުލާންކޮށްފައެވެ. ދިރާގުން ބުނީ ހުކުރު ދުވަހުން ފެށިގެން އެ ފޯނަށް ޕްރީ އޯޑާ ކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އޯޑާ ލިބުމުން ކަސްޓަމަރަށް ޓެކްސްޓް މެދުވެރިކޮށް އަންގާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
އިވެންޓްގައި ބައިވެރިވި ފަރާތްތަކުންގެ މެދުގައި ނަސީބުވެރިން ހޮވައި އެކަކަށް ވަނީ ސެމްސަންގ އެސް10 އެއް ލިބިފައެވެ.
ގެލެކްސީ އެސް10 އާއި އެސް10 ޕްލަސްގެ ފޯނުތައް މިރޭގެ އިވެންޓުގައި ދައްކާލިއިރު އެ ފޯނަކީ ސްމާޓްފޯނު ޓެކްނޮލޮޖީއަށް އިންގިލާބީ ބަދަލުތަކެއް ގެންނަ ފޯނުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން ފޯނުގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް އަލްޓްރަސޮނިކް އޮން ސްކްރީން ފިންގަރޕްރިންޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ. އޭގެއިތުރުން ވަޔަލެސްކޮށް ފޯނު ޗާޖު ޝެއާކުރުމާއި ވަރުގަދަ އާ ސްކްރީން އަދި މޮޅު ކެމެރާގެ ހިދުމަތްވެސް އެ ފޯނުން ލިބިގެންދާނެ ކަމަށް ސެމްސަންގުން ބުނެއެވެ.