ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމުކޮށް ބޭނުންކުރާ ނަން ވެސް ބޭނުންކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީން ބޭނުންކުރެވޭނީ ހަމައެކަނި އައިޑީކާޑުގައި ބޭނުންކުރާ ނަން އެކަންޏެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ވޯޓުލާ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ކެންޑިޑޭޑަކީ ކާކުކަން އެނގޭގޮތް ހެދުމަށް ކަމަށެވެ.
"އާންމުކޮށް ބޭނުންކުރާ ނަންވެސް ބޭނުންކުރެވޭނެ. މިސާލަކަށް މުހައްމަދު ނަޝީދުގެ އިތުރުން ކާނަލް ނަޝީދު ގޮތަށްވެސް ނަން ބޭނުންކުރުމުން އާންމުންނަށް ފަސޭހަ ވެގެންދާނެ،" އަކްރަމް ވިދާޅުވިއެވެ.
އެގޮތަށް ބަދަލުކުރުމަކީ ވަރަށް ގިނައިން ކެންޑިޑޭޓުން އެދެމުން ދިޔަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އެ ގެނައި ބަދަލާއެކު ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.