އަބްދުﷲ ޝާހިދު

އިބޫ ހުވާކުރެއްވުމާއެކު މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ޝާހިދު ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ބައެއް މީހުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިނދެ، ވެރިކަން ބަދަލުވުމުގެ މަސައްކަތުގެ އިސް މީހަކަށް ހުރެގެން މަސައްކަތްކުރާތީ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި އިބޫ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު އިސްތިއުފާގެ ސިޓީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ރާއްޖޭގެ މީޑިއާ މެދުވެރިކޮށް، ދަންނަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރު އުފެއްދެވުމާއެކު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދީ، އެމަނިކުފާނުގެ އާ ސަރުކާރުގެ ހިދުމަތުގައި އަޅުގަނޑު ހުންނާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގައި ވޭތުވެދިޔަ 25 އަހަރު މަސައްކަތްކުރުމަށް ރައްޔިތުން ދިން ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާއަށް މަޖިލީހަށް ވަދެވުނީ 1995 ވަނަ އަހަރު ހިންނަވަރު ދާއިރާގެ މެމްބަރު އަދި މިހާރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއެކު ކަމަށެވެ. އަދި އިބޫ މަގާމެއް ދެއްވައިފިނަމަ، އެ މަގާމު ގަބޫލުފުޅު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ރައްޔިތުންގެ މަޖިލީހަށް ވަދެވުނީ. އެހެންވީމާ އެމަނިކުފާނު ރައްޔިތުންގެ މަޖިލިސް ދޫކުރައްވައި، ރާއްޖޭގެ ރިޔާސަތަށް ހަވާލުވެ ވަޑައިގަންނަވާ އިރު އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ ސަރުކާރުގެ މަގާމެއް ދެއްވައިފިނަމަ އެ މަގާމެއްގައި އަޅުގަނޑު އެމަނިކުފާނުގެ ސަރުކާރަށް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކުރިއަށްއޮތް ދުވަސްތަކުގައި ހުންނާނަން،" ޗެއާމަން އޮފް ޓްރާންސިޝަންގެ މަގާމު ވެސް އަދާކުރައްވާ ޝާހިދު ވިދާޅުވިއެވެ.