އިބްރާހިމް ޒަކީ
ރަޖިސްޓްރީ ނުކޮށް ވެސް ޖަމިއްޔާތައް ހިންގޭ ގޮތަށް ހުށަހެޅި "ޖަމްއިއްޔާތަކާ ބެހޭ ގާނޫނޫ"ގެ ބިލް އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފި އެވެ.
އެބިލް ދިރާސާކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފައިވަނީ، މަޖިލީހުގެ ޖަލްސާގައި މިއަދު ތިއްބެވި 59 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް ހުށަހެޅުއްވި އެ ބިލުގައި ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގޭނެ ގޮތްތަކާއި، ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް ދައުލަތުން މާލީ އެހީތެރިކަން ދޭންޖެހޭ ގޮތްތައްވެސް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުުން ބިލުގެ އަށް ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގުމަކަށް މި ގާނޫނު ހުރަސް ނާޅާ ކަމަށެވެ.
އެހެން ނަމަވެސް ރަޖިސްޓްރީ ނުކޮށް ހިންގާ އެއްވެސް ޖަމިއްޔާއަކަށް، ޖަމިއްޔާއެއްގެ ނަމުގައި މުދާ މިލްކު ކުރުމާއި، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނުގައި ހުއްދަ ކުރާ ގޮތުގެ މަތިން ދެމިގެންވާ ގޮތަށް މިލްކު ކުރުމުގެ ހައްގު ލިބިގެން ނުވެ އެވެ.
އަދި ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގުމުގެ ފުރުސަތު ބިލުން ލިބިދީފައި ވީނަމަވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ބޭނުން ހިފުމުގައި ރަޖިސްޓްރީކޮށްގެން ޖަމިއްޔާ ހަދައި ހިންގުމުގެ މިނިވަންކަން ކޮންމެ ފަރާތަކަށް ވެސް ބިލުުން ވަނީ ލިބިދީފަ އެވެ.
ބިލުގައިވާގޮތުން މާލީ އެހީތެރިކަން ބޭނުންވާ ޖަމިއްޔާތަކަށް ދައުލަތުގެ ފަރާތުން އެހީ ލިބެން ޖެހޭނެއެވެ. ނަމަވެސް ރަޖިސްޓްރީނުކޮށް ހިންގާ އެއްވެސް ޖަމިއްޔާއަކަށް ދައުލަތުގެ މާލީ އެހީތެރިކަމެއް ނުލިބޭނެއެވެ.
އަދި ރަޖިސްޓްރީނުކޮށް ހިންގާ ކޮންމެ ޖަމިއްޔާއެއްގެ ހިންގުމުގެ ކަންތަކާއި، މާލީ ކަންކަމުގެ އިތުރުން ޖަމިއްޔާއިން ހިންގާ ހަރަކާތްތަކާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އެ ޖަމިއްޔާއެއްގެ މެންބަރުން ފަރުދީ ހައިސިއްޔަތުން އެއްބަސްވެފައިވާ ގޮތަކަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އަދި ވަކި ގޮތަކަށް މެންބަރުން އެއްބަސްވެފައި ނުވާ ހާލަތުގައި އެފަދަ ކޮންމެ ޒިންމާއެއް އުފުލަން ޖެހޭނީ މެންބަރުންގެ ފަރުދީ ހައިސިއްޔަތުން ހަމަހަމަ އުސޫލެއްގެ މަތިން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.