ރައްޔިތުންގެ މަޖިލިސް

ރިޕޯޓް ހުށަހަޅާފައިވަނީ ކޮމިޓީން ފާސްނުކޮށް ކަމަށް ބުނުމުން، އީސީގެ މެންބަރު އައްޔަން ކުރަން ވޯޓަކަށް ނޭހި

އިބްރާހިމް ޒަކީ

އިލެކްޝަން ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް، ޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓަކީ އެ ކޮމިިޓީން ފާސްކޮށްފައިވާ ރިޕޯޓެއް ނޫންކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވުމުން، އީސީއަށް މެންބަރަކު އައްޔަން ކުރަން އެ ރިޕޯޓްގައިވާ ނަންތަކަށް ވޯޓަށް ނާހައި ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައި ލައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ކޮމިޓީން ފޮނުވި ރިޕޯޓަށް ވޯޓަށް އަހަންވީވަގުތުގައި، ރިޔާސާތުގައި އިންނަވައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ކޮމިޓީގެ ރިޕޯޓާބެހޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއް މަޖިލީހަށް އިއްވަވައިފަ އެވެ.

އެ ސިޓީގައި އަސްލަމް ވިދާޅުވެފައިވަނީ، މިމަހުގެ 13އަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވި 16 ބޭފުޅުންގެ ނަން ކޮމިޓީން ދިރާސާކުރުމަށް ތިން ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އަދި އެ ނަންތައް ދިރާސާ ކުރުމަށްފަހު މިމަހުގެ ހަތަރުވަނަ ދުވަހު ކޮމިޓީން ނެރުއްވާފައިވާ ރިޕޯޓަކީ އެ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށްވެސް އެ ސިޓީގައި އަސްލަމް ވިދާޅުވެފައިވެ އެވެ.

އެސިޓީ ނިންމަވާލެއްވުމަށްފަހު، އޭގެ ހަގީގަތް ސާފު ކުރުމަށްފަހު އެ ރިޕޯޓަށް ވޯޓަށް އައްސަވާނެ ކަމަށްވިދާޅުވެ މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވައިފައެވެ.

"އެހެންކަމުން އެ މައްސަލަ ކޮމިޓީން ބައްލަވައިފަ އޭގެ ހަގީގަތް ސާފުކުރުމަށްފަހުގައި ވޯޓަށް އަހާނެ ވާހަކަ ދަންނަވަން،" ޖަލްސާ ނިންމަވައިލައްވަމުން ގާސިމް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރަން ހަމަޖެހިފައިވަނީ، އެ ކޮމިޝަންގެ މެންބަރު އިސްމާއީލް ހަބީބުގެ ދައުރު މިމަހުގެ 13އަށް ހަމަވާތީއެވެ.

އެކަމަށް ކުރިމަތިލި 16 ނަން ދިރާސާކޮށް ކޮމިޓީިން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓްގައި ވާގޮތުން ކޮމިޓީިން ކުރި ދިރާސާއިންވެސް އެންމެ މަތީ މާކްސް ލިބިފައިވަނީ ހަބީބަށެވެ.

ހަބީބަށް 90.28 މާކްސް ވަނީ ލިބިފައެވެ. ދެވަނައަށް އެންމެ މަތިން މާކްސް ލިބިފައިވާ ހ. އަމްސާވިލާ އަހުމަދު މޫސާއަށް ލިބިފައިވަނީ 75.57 މާކްސްއެވެ.

ނަންތައް ދިރާސާ ކުރާއިރު، ކޮމެޓީން ފާސްވާ ކަމަށް ނިންމަނީ 75 މާކްސް އިން މަތީ މާކްސް ލިބޭ ފަރާތްތަކުގެ ނަންތަކެވެ.

އެހެންކަމުން ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ތެރެއިން ކޮމެޓީން ފާސްވި ކަމަށް ނިންމާފައިވަނީ ހަބީބުގެ ނަމާއި އަހުމަދު މޫސާގެ ނަން އެކަނި ކަމަށެވެ.

އެއީ ދެން ތިއްބެވި ފަރާތްތަކަށް 75 އިން ދަށުން މާކްސް ލިބިފައިވާތީއެވެ.