މިނިސްޓަރު އިމްރާން އަބްދުﷲ

ފުލުހުންނަކީ ރައްޔިތުންނަށް އޯގާތެރިކަމާއެކު ގާނޫނު ތަންފީޒުކުރާ ބަޔަކަށް ވާންޖެހޭ: އިމްރާން

ފުލުހުންނަކީ ރައްޔިތުންނަށް އޯގާތެރިކަމާއެކު ގާނޫނު ތަންފީޒުކުރާ ބަޔަކަށް ވާން ޖެހޭކަމަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތެރޭ ހިމެނޭ ފުލުހުން ރިފޯމް ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ ޕޮލިސް ރިފޯމް ސިމްޕޯސިއަމްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު އިމްރާން ވަނީ ރައްޔިތުންގެ ހިމާޔަތާއި ހައްގުތައް ކަށަވަރުވެގެން ދާނީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރެވުނު މިންވަރަކުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުންނަށް ވޭތުވެ ދިޔަ ދުވަސްތަކުގައި އެކި ކަހަލަ އުނގަދޫތަކާ ދިމާވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ކޮންމެ އުނދަގޫ ވަގުތެއްގައި ހުރިހާ ބަދުނާމަކާއި ނިކަމެތިކަމެއް ލިބެނީ ފުލުހުންނަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފުލުހުން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރެވި ދިއުމީ ހިތާމަކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު އިމްރާން ވަނީ ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އާރެއް ބާރެއް ނެތް ބަލިކަށި ބަޔަކަށް ވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގެ ބާރު ލިބިގެންވާ ބައެއް ކަމަށާއި އެކަމުގެ ހައްގު ލިބިގެންވާ އެކަމުގެ އޮތޯރިޓީ އޮންނަ ބައެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ގާނޫނު ތަންފީޒުކުރުމުގެ ހައްގާއި ބާރު ލިބުމުގެ މާނައަކީ އަނިޔާވެރިވުން ނޫން ކަމަށާއި ނަމަވެސް ފުލުހުން ގާނޫނު ތަންފީޒުކުރަން ޖެހޭނީ އޯގާތެރިކަމާއި، ކުލުނާއި ހަމްދަރުދީއާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއާއެކު މިނިސްޓަރު ވަނީ ފުލުހުންނަކީ ރައްޔިތުންބޭނުންވަފަދަ ސަލާމަތީ ހިދުމަތްތައް ރައްޔިތުންނަށް ދޭ ބަަޔަކަށް ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިނިސްޓަރުގެ ވާހަކައިގައި ވަނީ އަތޮޅުތެރޭގެ ފުލުހުންނަށް ދިމާވާ އެކި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވައިފައެވެ. އެގޮތުން އަތޮޅުތެރޭގައި ފުލުހުން މަސައްކަތް ކުރަނީ ހުރިހާ ވަސީލަތްތަކާއެކު ނޫންކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ދެމުން އަންނަނީ މަދު ވަސީލަތްތަކާއެކު ވަރަށް ތަކުލީފުގައި ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ފުލުހުންގެ އެކްޓިން ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ ވާހަކަދައްކަވާފައެވެ.