މުހައްމަދު އައުޒަމް
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލަ ގައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އާދީއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.
އެ މައްސަލަ ތާވަލްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށެވެ. އެ މައްސަލައަށް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޖަވާބުދާރީވާން ސުޕްރީމް ކޯޓުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.
ރިޔާސީ އިންތިޚާބުން ބޮޑުތަފާތަކުން ބަލިވެވަޑައިގެންނެވި ރައީސް ޔާމީން ވަނީ ބަލި ގަބޫލުކުރައްވައި އެކަން އިއުލާން ކުރައްވާފައެވެ. އަދި ޕީޕީއެމް އިން ވެސް ވަނީ އިންތިޚާބުން އެމަނިކުފާނު ބަލިވެއްޖެކަމަށް ރަސްމީކޮށް ބުނެފައެވެ.
ނަމަވެސް އޭގެދުވަސްކޮޅެއް ފަހުން ރައީސް ޔާމީން ވަނީ ބަލިގަބޫލު ނުކުރައްވާ ފާދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ސަލީމް (ރޭސިން ސަލީމް) ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ އާންމު މެމްބަރުންނާއި އެހެނިހެން ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތައް ބެލުމަށްފަހު ކަމަށެވެ.