ބޮލީވުޑް

ބޫތް ޕޮލިސްގައި ސައިފާއެކު ފާތިމާ ސަނާ ޝައިޚް އަދި އަލީ ފަޒާލް

ތަފާތު ގިނަ ފިލްމުތަކެއް 25 އަހަރު ވަންދެން ކުޅެ ސައިފް އަލީ ޚާން ވަނީ ބޮލީވުޑުން މެގާ ސްޓާރެއްގެ ޖާގަ ހޯދައިފައެވެ. އެހެން ކަމުން ސައިފްގެ ފިލްމުތަކަށް އިންތިޒާރު ކުރާ ފޭނުން ވަކި މަދެއް ނޫނެވެ.

މިފަހަރު މި އޮތީ ހޮރޯ ކޮމެޑީއެކެވެ. ފާތިމާ ސަނާ ޝައިޚްއާއެކު ސައިފް ކުޅެން ހަމަޖެހިފައިވާ މި ފިލްމަކީ "ބޫތް ޕޮލިސް" އެވެ. ޕަވަން ކިރްޕަލާނީ ޑައިރެކްޓް ކުރާ މި ފިލްމުގައި ލީޑް ރޯލުން އަލީ ފަޒާލްވެސް ފެނިގެން ދާނެއެވެ.

މިއަހަރު އޮގަސްޓްގައި ފިލްމުގެ ޝޫޓިން ފެށިގެން ދާއިރު ތްރީޑީކޮށް ޝޫޓް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ކުރިން ފިލްމުގެ ލީޑް ރޯލު ކުޅުމަށް ހަމަޖެހިފައި އޮތީ އަބީޝެކް ބަޗަންއެވެ. އަދި އޭރު ފިލްމަށް ކީ ނަމަކީ ޓަންޓްރިކްއެވެ.

މިހާރުވެސް ސައިފްގެ ގިނަ ފިލްމުތަކެއް ވަނީ ކިއުގައެވެ. އެންމެ ފަހުން ސައިފް ފެނިފައިވަނީ ގޯރަވް ޗައުލާގެ ބާޒާރުންނެވެ. ދެން އެންމެ އަވަހަށް ނެރުމަށް ހަމަޖައްސައިފައިވަނީ "ތަނަޖީ" އެވެ. އެ ފިލްމުގައި ސައިފާއެކު އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.

މީގެ އިތުރުން ސައިފް އަމިއްލައަށް ކޯ ޕްރޮޑިއުސްކޮށް އަދި އެކްޓްކުރާ ފިލްމު "ޖަވާނީ ޖާނެމަން" ވެސް ކުރިއަށް ނެރުމަށް ހަމަޖައްސައިފައިވެއެވެ. އަދި މުކޭޝް ޗަބްރާގެ "ދިލް ބެޗާރާ" ގައި ޝުޝާންތް ސިންގް ރާޖްޕުތް އާއި ސަންޖަނާ ސަންޖީއާއެކު ސައިފް ފެނިގެންދާނެއެވެ.