ހައުސިން މިނިސްޓްރީ

ގޯތި ފޯމް ބަލައިގަތުމުގެ ކަންކަން ކުއްލިއަކަށް އެޗްޑީސީއާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯއްޗަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުމުގެ ކަންކަން ކުއްލިއަކަށް ހުޅުމާލެ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީން ކުރިން ކުރިއަށްގެންދިޔަ ފޯމް ބަލައިގަތުމުގެ ކަންކަން އެޗްޑީސީއާ ހަވާލުކުރީ ޖާގައިގެ ދަތިކަން ހުރުމާއި ފޯމް ހުށަހެޅުމަށް އަންނަ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

“އެޗްޑީސީއާ ހަވާލުކުރީ ހުޅުމާލޭގައި ޖާގައިގެ ތަނަވަސްކަން ވެސް ހުންނާނެތީ. މިހާރު ހުށަހަޅާފައިވާ ފޯމުތައް ކެންސަލެއް ނުވާނެ. އަޅުގަނޑުމެންނަށް ފެނޭ އެތައް އިރެއްވަންދެން، ދުވާލު ވެސް އަވީގައި ކިޔޫގައި ޖެހިގެން ތިބޭ މީހުން. އަޅުގަނޑުމެން އެހެން ވާކަށް ނޭދެން. އެޗްޑީސީން ފޯމް ބަލައިގަންނަން ފަށާނީ އަޅުގަނޑުމެން މިކޮޅުން ދޫކޮށްފައިވާ ނަމްބަރުތަކުން ފެށިގެން،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދުވާލަކު 500 ނަމްބަރު ދޫކުރަމުންދިޔަ ކަމަށާއި އޭގެ ތެރެއިން ކޮންމެ ނަމްބަރަކުން ފަސް ފޯމު ހުށަހެޅުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި ހުޅުމާލެއިން ވިއްކާ ގޯތިތަކުގެ ތެރެއިން 400 ގޯއްޗަކީ ދިހަ އަހަރަށް ބަހާލައިގެން 400،000 ރުފިޔާއަށް ވިއްކާ ގޯތިތަކެއް ކަމަށާއި 100 ގޯތި ވިއްކަނީ މާކެޓް ރޭޓުގައި ބީލަމަށް ހުޅުވާލައިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ގޯއްޗަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އެކަން ހުއްޓުވައިފައެވެ. އަދި ފަހުން ކަންތައްތަކެއް ފުރިހަމަކުރުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އެންގިއެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އަލުން އެ މަސައްކަތް ފެށިއިރު، އޭސީސީން އެންގި ކަންކަން ފުރިހަމަކޮށްފައެއް ނުވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެއްވެސް އެންގުމަކާ ހިލާފުވެފައެއް ނުވާނެ ކަމަށާއި ވަކި ފަރާތެއް މަރުހޫމުވާ ގޮތަށް ކަންކަން ކޮށްފައެއް ވެސް ނުވާނެ ކަމަށެވެ.

އޭސީސީގެ އެންގުމުގައި ވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އާ އުސޫލެއް އެކުލަވާލައި، އެ އުސޫލު އާންމުކޮށް ޝާއިއުކުރުމާއެކު ގޯތި ދޫކުރުމަށް ކުރިއާލާ އިއުލާންކޮށް، ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށެވެ.