ޔުމްނާ މައުމޫން

ތަރިކައަށް ގެއްލުންދޭނަމަ ފިޔަވަޅު އަޅާނެ ގާނޫނެއް އެކުލަވައިލަނީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ދިވެހިންގެ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ގާނޫނެއް އެކުލަވައިލުމަށްޓަކައި އެޓާނީ ޖެނެރަލާ މަޝްވަރާކުރަމުން އަންނަ ކަމަށް ހެރިޖޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ތަރިކައަށް ގެއްލުންދޭ މައްސަލައަށް ގާނޫނީ ހައްލު ހޯދުމަށްޓަކައި ބިލެއް ޑްރާފްޓްކޮށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދުމަކީ ހެރިޓޭޖުގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން ތަރިކަ ހިމާޔަތްކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އަދަބުތައް ކަނޑައަޅަނީ ކޮން ގޮތަކަށްތޯ ބެލުމަށާއި ބިލާ ބެހޭ ގޮތުން އޭޖީއާ އިއްޔެ މަޝްވަރާކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އާންމުންގެ ހިޔާލުވެސް ހޯދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ އާސާރީ ތަންތަނާއި ދިވެހި ރާއްޖޭގެ ތަރިކަ ހިމާޔަތް ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން ވައުދާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ވިދާޅުވިއެވެ.

އަދި ބިލު ޑްރާފްޓްކުރާއިރު އަދަބުތަކުގެ ތެރޭގައި ޖޫރިމަނާވެސް ހިމެނޭ ކަމަށާއި ތަރިކައަށް ގެއްލުންދޭނަމަ އަދަބު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޔުމްނާ ވިދާޅުވީ މާލޭގެ ހުކުރު މިސްކކިތުގެ ވަށާފާރަށް ގެއްލުންދިން މައްސަލަވެސް ފުލުހުންނަށް ހުށަހަޅައިފައިވާނެ ކަމަށާއި އެކަންވެސް ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ.

އަދި ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދިވެހި ރާއްޖޭގެ ހަ މިސްކިތެއް ހިމަނާފައި އެބަ އޮތް ކަމަށާއި ވަގުތީ ލިސްޓުން ދާއިމީ ލިސްޓަށް އެރުވޭތޯ ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.