ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން މިރޭ

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން މިރޭ ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިގެން މިރޭ ދަންވަރު 3:30ގެ ނިޔަލަށް އީސީގެ އިންތިހާބާ ބެހޭ މަރުކަޒުގައެވެ.

އީސީން ބުނީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑީގެ 15 މިނެޓް ކުރިން އިންތިހާބާ ބެހޭ މަރުކަޒަށް ހާޒިރުވާން އަންގާފައިވާނެ ކަމަށާއި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތް ނަމަ، ކެންޑިޑޭޓުންގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާނެ ފަރާތެއްގެ މައުލޫމާތު ހިމަނައި، ކެންޑިޑޭޓުގެ ސިޓީއެއް ހުށަހެޅުމަށް އެދިފައިވާނެ ކަމަށެވެ.

ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން ކުރިއަށްދާނެ ގޮތް:

  • ހއ، ހދ، ށ، ނ، މާޗް ހަތަރުވަނަ ދުވަހުގެ ރޭ 20:30 އިން 21:30 އަށް.
  • ރ، ބ، ޅ، ކ، އއ، އދ، މާޗް ހަތަރުވަނަ ދުވަހުގެ ރޭ 21:45 އިން 22:45 އަށް.
  • ވ، މ، ފ، ދ، ތ، ލ މާޗް ހަތަރުވަނަ ދުވަހުގެ ރޭ 23:30 އިން 00:30 އަށް.
  • މީގެ އިތުރުން ހަތަރުވަނަ ދުވަހުގެ ރޭ (މިރޭ) ދަންވަރު 1:00 އިން 2:00 އިން ގއ، ގދ، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ.
  • މާލެ ސިޓީ މާޗް ހަތަރުވަނަ ދުވަހުގެ ރޭ (މިރޭ) ދަންވަރު 2:30 އިން 3:30 އަށް ކުރިއަށް ދާނެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް 406 ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅުއްވައިފައެވެ. އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންގެ ފޯމް ވަނީ ބާތިލް ކުރެވިފައެވެ. އަދި އަށް ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.