ޔުމްނާ މައުމޫން

ކަޅުވަކަރު މިސްކިތް ބަހައްޓަނީ ބަންގި ނުގޮވައި، ނަމާދު ކުރެވޭ ގޮތަށް: ޔުމްނާ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ އާސާރީ ބިނާއެއް ކަމަށްވާ ކަޅުވަކަރު މިސްކިތް ބަހައްޓަނީ ބަންގި ނުގޮވައި، ނަމާދުކުރެވޭ ގޮތަށް ކަމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތް ބެހެއްޓުމާ ބެހޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މިސްކިތް ބަހައްޓަން ކުރިންވެސް ނިންމާފައިވަނީ ކުރީގެ ދިރާގު ހުރި ބިމުގައި ކަމަށެވެ.

އަދި އެތަނުގައި މިސްކިތް ބެހެއްޓުމާ ގުޅޭ ގޮތުން ބައެއް އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް ހުރުމުން އެކަމާ ބެހޭ ގޮތުން އިލްމުވެރިންނާ މަޝްވަރާކުރައްވައިފައިވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އެގޮތުން މިސްކިތް ބަހައްޓާނީ ނަމާދު ކުރެވޭ ގޮތަށް ކަމަށާއި މިސްކިތުގައި މުދިމަކު ނުހުންނާނެ ކަމަށެވެ. އަދި ޖަމާއަތް ހަދައިގެންވެސް ނަމާދު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާސާރީ ތަންތަން ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށާއި އެފަދަ ތަންތަން ބެލެހެއްޓޭނީ ތަނުގެ މުހިންމުކަން އަންގައިދެވިގެން ކަމަށެވެ. އެގޮތުން މީހުން ހޭލުންތެރިކުރަން ޖެހޭ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ ކުރިމައްޗަށް ވާގޮތަށް ކަޅުވަކަރު މިސްކިތް ބެހެއްޓުމާއި ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް އިލްމުވެރިން މީގެކުރިން ވިދާޅުވެފައިވަނީ ދެ މިސްކިތުގެ އަޑުގަދަކުރާއިން އުނދަގޫވުމާއި އެތައް މުންކަރާތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި ޖެހިޖެހިގެން މަރުކަޒުގައި ތަން އޮއްވައި އެގޮތަށް މިސްކިތެއް ބެހެެއްޓުން އެއްގޮތަކަށްވެސް ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.