މާލޭ ސިޓީ ކައުންސިލް

އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުން މާލޭގައި އިޝްތިހާރު ހިއްޕުމަށް ފީ ނުނަގަން ނިންމައިފި

އަހުމަދު ޖައިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ފީއަކާ ނުލާ މާލޭ ސިޓީގައި އިޝްތިހާރު ހިއްޕުމުގެ ހުއްދަ ދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އިންތިހާބުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވާދަކުރައްވާތީ އިޝްތިހާރު ހިއްޕުމަށް ފީއެއް ނުނަގާނެ ކަމަށެވެ.

ނަމަވެސް އެކަމަށް ހުއްދަ ނަގަން ޖެހޭނެ ކަމަށާއި ހުއްދަ ނުނަގާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ހުއްދަ ނުނަގައި އިޝްތިހާރު ބަހައްޓާ ކޮންމެ ދުވަހަކަށް 1،000 ރުފިޔާ އާއި 2،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ އިޝްތިހާރު ނަގަން ޖެހޭ މުއްދަތު ހަމަވުމުން އިޝްތިހާރު ނުނަގައި ހިނގާ ކޮންމެ ދުވަހަކަށް ވެސް 2،000 ރުފިޔާ ނަގާނެ ކަމަށެވެ.

އިޝްތިހާރު ހަރު ކުރުމުގެ ހުއްދަ ނެގުމުށްޓަކައި ހަ ކަމެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އޭގެތެރޭގައި މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓެއް ކަމުގެ ލިޔުމާއި ހަރުކުރަން ބޭނުންވާ އިޝްތިހާރެއްގެ ކުލަ ހާޑު ކޮޕީ އާއި އަމިއްލަ ފަރާތެއްގެ އިމާރާތުގައި ހަރުކުރާނަމަ، އެފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމުގެ ކޮޕީ ހިމެނެއެވެ.