ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ދިވެހި ސިފައިން ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ދިވެހި ސިފައިންނާ ގުޅޭގޮތުން އެކަމަނާ ދެއްކެވި އެއްވެސް ވާހަކައަކާމެދު ދިވެހި ސިފައިން ކަނބޮޑުވެގެން އެކަމަނާއާ މިހާތަނަށް ސުވާލު ކޮށްފައި ނުވާކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭން ބަޔަކު ފައްސާލުމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާމެދު ކަންބޮޑުވެ ދިވެހި ސިފައިން އެވާހަކަ ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެމީހުންއެބަ ކަންބޮޑުވޭ، ގައުމުތައް ހަނގުރާމައިގަ އުޅޭ ދުވަސްކޮޅެއްގައި މިކަހަލަ ވާކަތައް ދެއްކޭތީ، މިގައުމުގައި އުދުވާނީ ބޭރުގެ ފަރާތްތަކެއް ފައްސާލާ ވާހަކަވެސް އެބަ ދައްކާ އެހެންބުނީމަ ހީވަނީ އަޅުގަނޑުމެންގެ ގައުމު ހިފައިގެން ބޭރުގެ ބަޔަކު ތިބީހެން، މިތާކުން ނުޖެހޭ ބަޔަކު ފައްސާލާ ވާހަކަ ދައްކާކަށްވެސް،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ސިޔާސީ ފަރާތްތަކަކުން އެފަދަ ގޮތަކަށް ވާހަކަ ދައްކާ ފަރާތްތަކުން އެވާހަކަ ދައްކަނީ ރާއްޖޭގެ ސުލްހަ ނަގާލައި ހަމަނުޖެހުން އުފައްދަައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި ކުރު މުއްދަތެއްގެ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށްވެސް ވިދާޅުވި އެވެ.
އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރާއެކު ރާއްޖެ އައިސްތިބި އިންޑިޔާ ސިފައިން ރައްޖޭން ފައްސާލުމަށް ކަމަށްބުނެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި ހަރަކާތްތަކެއް ވަނީ ފަށައިފައެވެ.