އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ދިވެހި ސިފައިންގެ އަގު ވައްޓާލާފައިކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ބައެއް މެންބަރުން ނުރުހުން ފާޅު ކުރައްވައިފި އެވެ.
ރާއްޖޭގެ ދިފާއީ ބާރާ ބެހޭގޮތުން ބައެއް މީޑީއާތަކުގައި ޑިފެންސް މިނިސްޓަރު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރު ހާޒިރު ކުރައްވައިި، މެންބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައި، ކުރީ ސަރުކާރުގައި ސިފައިން ބޭނުން ކުރީ ރަސްރަނި ޕާކުފަދަ ޕާކުތައް ހެދުމަށް ކަމަށާއި، މިހާރު ސިފައިންނަކީ ތައުލީބީ ގާބިލު ބައެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
އެކަމަށް ނުރުން ފާޅު ކުރައްވައި، އިދިކޮޅު ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީިމް އަބުދުﷲ ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ގައުމީ ދިފާއީ ބާރުގެ ސިފައިން ގައުމަށްޓަކައި އަގުހުރި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ދޭހަވާ ގޮތަށް ޑިފެންސް މިނިސްޓަރު ވާހަކަ ދެއްކެވުމަކީ ހިތާމަހުރިކަމެއް ކަމަށެވެ.
އެގޮތުން މިނިސްޓަރު ވަނީ ދިވެހި ސިފައިންގެ އަގު ވައްޓާލާފައިކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ އެ ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅު ކުރައްވައި، މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ، މީގެކުރިން ދިވެހި ސިފައިންނަކީ އެއްވެސް ބައެއް ނޫން ކަމަށާއި، އެތަނުގައި ތަނެއް ދޮރެއް އެނގޭ މީހަކު ނެތްކަމަށާއި، ސިފައިންނަކީ ރަސްފަންނު ހަދާ ބައެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދެއްކުމަކީ ހިތާމަހުރިކަމެއް ކަމަށެވެ.
"މީގެކުރިން ދިވެހި ރާއްޖޭގެ ސިފައިންނާއި ފުލުހުންނަކީ އެއްވެސް ބައެއްނޫން ކަމަށް، އެތާނގަ ކިޔަވައިގެން ތަނެއް ދޮރެއް އެނގޭ މީހަކު ނެތްކަމަށް، ސިފައިންނަކީ ހަމައެކަނި ރަސްފަންނު ހަދާ ބައެއްގެ ގޮތުގައި ސިފަކޮށްފައި، މިއަދު މި މަޖިލިސް ތެރޭގައި އެބޭފުޅުންނަކީ ވަރަށް ތައުލީމީ ބައެއްކަމަށް ވިދާޅުވާއިރު މިފަދަ ގޮތަކަށް ދިވެހި ސިފައިންގެ އަގު ވައްޓައިލާ ވާހަކަ ދެއްކުމަކީ ހިތާމަހުރިކަމެއް،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވީ، އެކަމަނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ދިވެހި އަސްކަރިއްޔާ އޮތް ހާލަތު ދެނެގަތުން ކަމަށެވެ.
އެގޮތުން ކުރި ދިރާސާގައި އަސްކަރިއްޔާ އޮތް ހާލު ފެނިވަޑައިގެން ހައިރާންވެވަޑައިގެންނެވި ކަމަށާއި، ކުރީގެ ސަރުކާރުން ސިފައިން ބޭނުން ކޮށްފައިވަނީ ނާޖާއިޒް ގޮތުގައި އެކިއެކި ޕްރޮޖެކްޓް ހިންގުމަށް ކަމަށެވެ.
އަދި ސިފައިންގެ ބޭފުޅުން ބޭނުން ކުރީ ރަސްރަނި ޕާކު ފަދަ ޕާކު ހެދުމަށްކަމަށާއި، އެކިއެކި އިމާރާތް ކުރުމުގެ މަސައްކަތަށް ކަަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސިފައިންނަކީ މިހާރު ވަރަށްވެސް ކިޔަވައިގެންތިބި ބައެއް، އެމީހުންނަށް އެނގޭ ސްޓްރެޓެޖިކަލީ ކަންތައް ކުރާނެ ގޮތް، އެމީހުންނަށް އެނގޭ ބާރުގަދަ ގައުމުތަކާ ގުޅިގެން އެމީހުންގެ ކިބައިންވެސް ބާރު ހޯދައިގެން އެ ބާރުގައި އެމީހުން ތިބެން، އެމީހުންނަށް އެނގޭ އެމީހުންގެ އަމިއްލަ ވިސްނުން، ކިޔަވައިގެން ތިބި ހޭލުންތެރި ހިތްވަރުގަދަ ސިފައިންތަކެއް އަޅުގަނޑުމެންގެ ތެރޭގައި މިތިބީ،"