އިބްރާހިމް ޒަކީ
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލް އަށް ދެއްވި އިންޓަވިއުއެއްގައި، އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި ވާހަކައަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު މައާފަށް އެދިވަޑައިގެންފި އެވެ.
މިނިސްޓަރު މިކަމަށް މައާފަށް އެދިވަޑައިގެންނެވީ، މިނިސްޓަރު އެ އިންޓަވިއުގައި ދެއްްކެވި ވާހަކަފުޅާ ބެހޭގޮތުން މަޖިލީހަށް ހާޒިރުކޮށް މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
"ދެރަ ކަމަކީ ބައެއް ފަހަރު މިހެން ދޭ އިންޓަވިއުތަކުގައި ލައިވްކޮށް ރެކޯޑްކުރާ އިންޓަވިއުއެއްގައި އަލުން ޖަވާބު ދިނުމުގެ ފުރުސަތު ނޯންނަކަން، އެހެންކަމުން އަޅުގަނޑުގެ އިންޓަވިއުގައި އެބުނެވުނު ބަސްކޮޅާމެދު ހިތްހަމަނުޖެހުމެއް އުފެދި، އޮޅުމެއް އަރާފައިވާނަމަ އަޅުގަނޑު އެކަމަށް ނުހަނު އިހުލާސްތެރިކަމާއެކު މައާފަށް އެދެން.،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، އެ އިންޓަވިއުގައި އެކަމަނާ ދެއްްވަން ބޭނުންފުޅުވި މެސެޖަކީ އިންޑީޔާއިން ރާއްޖެއަށް އިހުތިރާމް ކުރާ ކަމާއި ރާއްޖެ އިންޑީޔާދެކެ ބިރުގަންނަން ނުޖެހޭ ވާހަކަ ކަމަށެވެ.
"ތިޔަ ވިދާޅުވި އިންޓަވިއުގައި ވަރަށްގިިނަ ކަންކަމާބެހޭގޮތުން އަޅުގަނޑު ވާހަކަ ދެއްކިން، އޭގެ ތެރޭގައި ޑިފެންސް ކޯޕަރޭޝަން، ނުވަތަ އަސްކަރިއްޔާގެ ގުޅުން، ޓެރަރިޒަމް އާއި މިނޫންވެސް އެހެންކަންކަމާއި ގުޅިގެން ވާހަކަ ދެކެވުނުން ނަމަވެސް ބައެއްބޭފުޅުން ހިއްޕުޅަށް ނުތަނަވަސްކަން އައިސްގެން ތުއުޅުއްވަނީ މި 22 މިނިޓްގެ ތެރެއިން 5 ސިކުންތުގެ ވާހަކައަށް،" މިނިސްޓަރު ވިދާޅުވި އެވެ.