އެމްޑީޕީގެ ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓުން އެ ޕާޓީގެ ފިކުރީ މުދާ ބޭނުންކުރަމުންދާ ކަމަށް ބުނެ، އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މައްސަލަ ހުށަހަޅައިފިއެވެ.
އެމްޑީޕީން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ކެންޑިޑޭޓުން ނޫން އެކިއެކި އެހެން ކެންޑިޑޭޓުން އެމްޑީޕީގެ ފަރާތުން ޝާއިއުކޮށްފައި ހުރި ފޮޓޯތަކާއި ޕޯސްޓަރުތަކާއި ސްޓިކާތަކާއި ނިޝާންތައް ނާޖާއިޒުގޮތުގައި ބޭނުންކޮށް، ނުވަތަ އެއަށް ނަގުލީ ސިފަ ގެނެސްގެން މީސް މީޑިޔާގައި އާންމުކޮށްފައިވާތީ، އެ މައްސަލަ އެމްޑީޕީގެ ފަރާތުން އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީން މިއަދު ހުށަހެޅި ޝަކުވާގައި ވަނީ އެމްޑީޕީގެ ފިކުރީ މުދާ ނާޖާއިޒު ގޮތުގައި ބޭނުންކޮށް ނުވަތަ އެއަށް ނަގުލީ ސިފަ ގެނެސްގެން، ފޭސްބުކްގަޔާއި ވައިބަރ ގްރޫޕްތަކުގައި ނައިފަރު ދާއިރާއަށް ކުރިމަތިލާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ކަމަށްވާ އަބްދުﷲ އަބްދުލްހަކީމާއި އޭނާގެ ކެމްޕޭނު ޓީމުގައި އުޅޭ އަބްދުﷲ ވަދީފު މޫސާ، މާފޮޅޭގެ / ޅ. ނައިފަރު، 19 ފެބްރުއަރީ 2019 ގައި، އަދި އެހެން ދުވަސް ދުވަހުވެސް ޕޯސްޓުކޮށްފައިވާތީ އެ މައްސަލަ ބަލައިދިނުމަށެވެ.
އެ މައްސަލައިގައި އެމްޑީޕީ ނައިފަރު ދާއިރާއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އަނެކެއްގެ އުފެއްދުމެއް ތިމާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކޮށްގެން ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުން ހިންގާ "ފޮށިފެޅުމުގެ" ކަންކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.
އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައި، އަނެކެއްގެ އިންތިހާބީ ހައްގަކަށް ގާނޫނީގޮތުން ނޭދެވޭ ގޮތަކަށް ބެހި، ނުވަތަ އެފަދަ ހައްގަކާ މެދު ގަދަރާއި އިހުތިރާމް ކުޑަކުރުމުގެ ސަބަބުން، އަނެކަކަށް އެ ހައްގު މިނިވަން ގޮތުގައި ހުރަސްއެޅުމަކީ، ނުވަތަ ހުރަސްއަޅަން އުޅުމަކީ ކުށެއް ކަމުގައި އެ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 22 ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.