ޕޮލިސް

ޝައްފާން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

މާޅޭގައި ރޭ ތޫނުއެއްޗަކުން ހަމަލާދީ ށ. ފެށޫ، ހީނާމާގެ، އިސްމާއީލް ޝައްފާން ޝަރީފް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އުމުރުން 14 އަހަރުގެ އެ ކުއްޖާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ 3:30 ހާއިރުއެވެ. އެ ކުއްޖާ އަކީ ޖަމާލުއްދީން ސްކޫލް، ގްރޭޑް ހަތެއްގައި ކިޔަވަމުނަދިޔަ ކުއްޖެކެވެ.

އެ ކުއްޖާއަށް ވަޅިން ހަމަލާދީފައިވަނީ މިރޭ 2:00 ހާއިރު އަމީރު އަހްމަދު ސްކޫލު ކައިރީ ހުންނަ އޮޓޯގަރާޖު ކުރިމަތިންނެވެ.

އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޝައްފާން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރީ ރޭގެވަގުތެއްގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

މި ހަފްތާތެރޭގައި ހަތަރު ޒުވާނަކަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އޮލިމްޕަސް ކައިރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އަދި މާލޭގައި ބުދަ ދުވަހުގެ މެންދުރު ގިޔާސުއްދީން ސްކޫލް ކައިރީގައި ވެސް ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރެއިން އައްޑޫގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނާ އަދި އޮލިމްޕަސް ކައިރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްއެވެ.

އޭގެ އިތުރުން ބުދަ ދުވަހުގެ ރޭ މާރާމާރީއެއް ހިންގަން އުޅުނު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ފަސް މީހުން ހައްޔަރުކުރީ ފިހާރައަކުން ވަޅިތަކެއް ގަނެގެން ކަނިވާ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.