ޝަހީދާ އަބްދުﷲ ސައީދު
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއްގެ ތެރެއިން އިއްޔެ ހައްޔަރުކުރި 21 މީހުންގެ ތެރެއިން ހަ މީހުން ދޫކޮށްލައި، 15 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި 21 މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާ ދޫކޮށްލާފައިވާ ކަމަށާއި އަދި މިއަދު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުންބުނީ ބަންދުގެ މުއްދަތު ޖަހާފައިވަނީ 15 މީހުންނަށް ކަމަށެވެ. އެގޮތުން 12 މީހަކުގެ ބަންދަށް ފަސް ދުވަސް، އަދި ތިން މީހެއްގެ ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށެވެ. ހައްޔަރުކުރި 21 މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ބިދޭސީއަކުވެސް ހިމެނެއެވެ.
ފުލުހުން، އެ ގެ ބަލައި ފާސްކޮށްފައި ވަނީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.
އެ ގޭގެ ތެރެއިން ފުލުހުން، އެ މީހުން ހައްޔަރުކޮށްފައި ވަނީ 38 ރަބަރު ޕެކެޓާއެކުގައެވެ.