ޕީޖީ އޮފީސް

މިދިޔަ އަހަރު ޕީޖީން 2،534 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި

އަހުމަދު ޖައިޝަން

މިދިޔަ އަހަރުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އިން ރާއްޖޭގެ އެކި ކޯޓުތަކަށް ޖުމްލަ 2،534 ފަރާތެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ މިދިޔަ އަހަރުގެ ރިޕޯޓުގައި ބުނެފި އެވެ.

ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ދައުވާތަކުގެ ތެރެއިން 2،004 މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާ ހުށަޙަޅާފައިވަނީ ސުޕީރިއާ ކޯޓުތަކަށެވެ. އެގޮތުން އެ ކޯޓުތަކަށް ހުށަހެޅި ދައުވާގެ ތެރެއިން އެންމެ ގިނަ ދައުވާ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ.

މިދިޔަ އަހަރު 980 މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު ޑްރަގް ކޯޓަށް ވަނީ 973 މީހުންގެ މައްސަލައިގައި ދައުވާ ކުރުމަށް ހުށަހަޅައިފައެވެ. އަދި ޖުވެނައިލް ކޯޓަށް ވަނީ 51 ކުދީންގެ މައްސަލަ ހުށަހަޅައިފަ އެވެ.

މިދިޔަ އަހަރު ދައުވާ ކުރުމަށް ހުށަހެޅި 2،534 މީހުންގެ ތެރެއިން 530 މީހުންގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

މިދިޔަ އަހަރު ދައުވާ ކުރުމަށް ހުށަހެޅި މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތްތަކުގެ ތެރޭގައި 2،434 ފިރިހެނުންނާއި 100 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓުން ދައްކައެވެ.

އެ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރު ދައުވާ ހުށަހެޅި ފަރާތްތަކުންގެ ތެރޭގައި 18 އަހަރު ނުފުރޭ 75 ކުދިން ވެސް ހިމެނެއެވެ.