ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިއްޖެއެވެ.
ހުޅުމާލެއިން 400،000 ރުފިޔާގެ މަގުން 1000 އަކަފޫޓުގެ 400 ގޯތި ވިއްކުން ހުއްޓުވުމުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅީ ގާނޫނީ ވަކީލު މަރިޔަމް ސުނާނާއެވެ. އޭނާއަކީ ކުރިން އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެކެވެ.
ސުނާނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލެ އިން ގޯއްޗަށް އެދުމަށްޓަކައި ފޯމު ބަލައިގަތުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ އުސޫލަކީ ގާނޫނު އަސާސީއާއި ގާނޫނީ އުސޫލްތަކާ ހިލާފު އުސޫލެއް ކަމަށެވެ.
އެ އުސޫލު އޮތީ ބޯހިޔާވަހިކަމުގެ ފުރުސަތަށް އެދެން ބޭނުންވާ ގިނަ ރައްޔިތުންތަކެއް އެ ފުރުސަތުން މަހްރޫމްވާ ގޮތަށް ކަމަށާއި އެ އުސޫލަކީ ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް ސުނާނާ ހުހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާއަށް ވަކި ގޮތެއް ކަނޑައެޅެންދެން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗަށް ފޯމު ބަލައިގަތުމާއި އިވެލުއޭޓް ކުރުން އަދި ގުރުއަތުލުން ވަގުތީގޮތުން ހުއްޓުވަން ހައުސިން މިނިސްޓްރީއަށް އަމުރުކޮށްދިނުމަށް ސުނާނާ އެދިވަޑައިގެންފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ގޯއްޗަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އެކަން ހުއްޓުވައިފައެވެ. އަދި ފަހުން ކަންތައްތަކެއް ފުރިހަމަކުރުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އެންގިއެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އަލުން އެ މަސައްކަތް ފެށިއިރު، އޭސީސީން އެންގި ކަންކަން ފުރިހަމަކޮށްފައެއް ނުވެއެވެ.
އޭސީސީގެ އެންގުމުގައި ވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އާ އުސޫލެއް އެކުލަވާލައި، އެ އުސޫލު އާންމުކޮށް ޝާއިއުކުރުމާއެކު ގޯތި ދޫކުރުމަށް ކުރިއާލާ އިއުލާންކޮށް، ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށެވެ.