ހުތުބާ

އިސްލާމްދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން: ހުތުބާ

އިސްލާމްދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން ކަމަށާއި އެއީ ކާބޯތަކެތިން ބަނޑު ފުރައިލުމެއް ވެސް ނޫން ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ އަޟްހާ އީދު ހުތުބާގައި ބުނީ އީދަށް އީދޭ ކިޔުނީ, ކޮންމެ އަހަރަކު އާ އުފާތަކަކާއެކު އަހަރެމެންގެ ގާތަށް މި ދުވަސްތައް އަންނާތީ ކަމަށާއި އިސްލާމީ އީދުތަކަކަކީ ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބާތަކެއް ކަމަށެވެ.

"އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހިފިލުވުމެވެ. ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުންނެވެ. އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީގެންނެވެ. ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީގެންނެވެ. ނިކަމެތިމީހާ ބާރުވެރިކޮށްދީގެންނެވެ. ބީރައްޓެހިމީހާ ރައްޓެހި ކުރުވައިގެންނެވެ. އިސްލާމްދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫނެވެ. އެއީ ކާބޯތަކެތިން ބަނޑު ފުރައިލުމެއް ވެސް ނޫނެވެ. އެއީ ﷲގެ ހައްދުތައް ފަހަނައަޅައި ދިއުމެއް ވެސް ނޫނެވެ. އިސްލާމީ އީދުތައް އަންނަނީ ﷲ އަށް އަދާކުރަންޖެހޭ މުހިންމު އަޅުކަންތަކަކާ ގުޅިގެންނެވެ. އެހެންކަމުން އިސްލާމީ އީދުތަކަކީ ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބާތަކެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މާތްﷲ ހައްޖާއި އީދު ޝަރުއު ކުރައްވާފައިވަނީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް އަދި އެއްބަޔަކު އަނެއްބަޔަކާއެކު އެކުވެރިކަން މަތީ ދިރިއުޅުމަށްޓަކައި ކަމަށެވެ. އަދި މީގެ އިތުރަށް އީދާއި ހައްޖުގައި ސުލްހަމަސަލަސް ކަމާއި އަމަންއަމާންކަންވާ ކަމަށް ވެސް ބުނެފައިވެއެވެ.

"ހައްޖުގެ ތެރެއިން ލާފައި ކޮންމެ ހައްޖުވެރިއަކަށް ވެސް އަނެކާއަށް ހުރުމަތްތެރިކޮށް ހިތައި އިހުތިރާމުކުރަން ދަސްވެއެވެ. އެކަކު އަނެކަކަށް އަދާވާތްތެރި ނުވުމަށާއި, ދެކޮޅުވެރި ނުވުމަށް ތަމްރީނު ލިބެއެވެ. އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައިނުގަތުމަށް ތަރުބިއްޔަތު ލިބެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މާތްﷲ އެކަލާނގެ ހަލީލު އިބްރާހިމް އަލައިހިއްސަލާމް އިމްތިހާނު ކުރެއްވީ އެކަލޭގެފާނުގެ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމަށް އަދި އެކަލޭގެފާނުގެ ގަދަރު މަތިވެރި ކުރެއްވުމަށްޓަކައި ކަމަށެވެ. އަދި އެ އިމްތިހާނުގައި އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާއީލުގެފާނު ވެސް ބޮޑު ދައުރެއް އަދާކުރެއްވިކަން ހުތުބާގައި ފާހަގަކުރިއެވެ.

"މާތްﷲ އެކަލޭގެފާނާ ކުރިމަތިކުރެއްވީ ކޮންފަދަ ބޮޑު އިމްތިހާނެއްތޯއެވެ؟ އެއީ ދުނިޔެ މަތީގައި މީހަކާ ކުރިމަތިލާން ނުޖެހޭނެ ފަދަ ބޮޑު އިމްތިހާނެކެވެ. މިއީ އުމުރުން ދުވަސްވެ, މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގެންނެވި ލޮބުވެތި ދަރިކަލުން ﷲ އަށްޓަކައި ގުރުބާން ކުރެއްވުމަށް އަންގަވައި ކުރިމަތިކުރެއްވި ބޮޑުވެގެންވާ އިމްތިހާނެކެވެ. އިބްރާހިމްގެފާނުގެ މި އިމްތިހާނުގައި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލުގެފާނު ވެސް ބޮޑު ދައުރެއް އަދާކުރެއްވިއެވެ. އެއީ ﷲގެ އަމުރުފުޅުތަކަށް ވާތީ އެކަލޭގެފާނު, އެކަލޭގެފާނުގެ ބައްޕާފުޅަށް ކިޔަމަންވެ ވަޑައިގެންނެވި ގޮތެވެ. އެކަލޭގެފާނު މި ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާ އަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެކެވެ. ﷲ އަށް ކިޔަމަންގަތުމަށްފަހު މައިންބަފައިންގެ ބަސްއަހަން ޖެހޭނެކަމުގެ ހެޔޮ މިސާލެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ އިސްލާމްދީނުގައި އީދު ފެށެނީ ތަކުބީރުން ކަމަށާއި އެއީ އެންމެންނަށް އިއުލާނުކުރެވޭ އުފާވެރިކަމެއް ކަމަށެވެ. އަދި އެއީ އުންމަތުގެ އެއްވެސް ފަރުދަކު އެކަހެރިނުކޮށް އެންމެން ޝާމިލުވާ ގޮތަށް އޮތް އުފަލެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.