ޓްރާންސްޕޭރެންސީ މޯލްޑިވްސް

މަޖިލިސް މެންބަރުން ބިލްތަކަށް ވޯޓުދިން ގޮތް ފަސޭހައިން ބެލޭނެ ވެބްސައިޓެއް ޓީމް އިން ތައާރަފް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ބިލްތަކަށް، މަޖިލިސް މެންބަރުން އެ މެންބަރެއްގެ ދައުރުގައި ވޯޓުދެއްވާފައިވާ ގޮތް ފަސޭހައިން ބަލައިލެވޭނެ ވެބްސައިޓެއް ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް)އިން ތައާރަފުކޮށްފިއެވެ.

މަޖިލީހުގެ މެންބަރުން ޒިންމާދާރުކުރުވުމަށް މަގުފަހި ކުރުވުމުގެ ގޮތުން، "މަގޭ އެމްޕީ"ގެ ނައުމުގައި ތައާރަފްކޮށްފައިވާ އެ ވެބްސައިޓުގައި ރައްޔިތުންގެ މަޖިލީހުގެ 135 މެންބަރުންގެ މައުލޫމާތާއި، 209 ބިލުގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.

މި މައުލޫމާތު އެއްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ޓްރާންސްޕޭރަންސީން ވަނީ ބުނެފައެވެ.

މި ވެބްސައިޓުގައި ކޮންމެ މެންބަރެއްގެ ޕްރޮފައިލް ނެގުމުން، އޭނާގެ ފޭސްބުކް އައިޑީ، ޓްވިޓާ އައިޑީ އަދި ފޯނު ނަންބަރުގެ އިތުރުން އޭނާގެ ދައުރުގައި މަޖިލީހުގައި ވޯޓަށް އަހާފައިވާ ބިލްތަކުގެ ލިސްޓު ފެނެއެވެ. އަދި އެ ބިލަށް އޭނާ ވޯޓު ދީފައިވޭތޯ ނުވަތަ ނުވޭތޯ ބަލައިލެވެ އެވެ. އެ ދުވަހު މަޖިލީހަށް ހާޒިރުނުވާ ނަމަ އެކަން ވެސް ވެބްސައިޓުން ފެނެއެވެ.

މިހާރު ތައާރަފު ކޮށްފައިވަނީ ވެބްސައިޓުގެ ބީޓާ ވާޝަނެވެ.

ޓްރާންސްޕޭރަންސީން ބުނީ ކުރިއަށް އޮތް ތަނުގައި މި ވެބްސައިޓު އިތުރަށް ތަރަށްގީކުރަމުން ގެންދާނެކަމަށެވެ.