ޓްރާންސްޕޭރެންސީ މޯލްޑިވްސް

ޓްރާންސްޕޭރެންސީގެ ''މަގޭ އެމްޕީ'' ވެބްސައިޓާމެދު ރޮޒެއިނާ ނުރުހުންފާޅުކުރައްވައިފި

1

ޓްރާންސްޕޭރެންސީ މޯލްޑިވްސް، (ޓީއެމް)ގެ އިސްނެގުމުގެ ދަށުން މަޖިލިސް މެންބަރުން ޒިންމާދާރު ކުރުމަށް އުފެއްދި ވެބްސައިޓް ''މަގޭ އެމްޕީ'' އާމެދު މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނުރުހުން ފާޅުކޮށްފިއެވެ.

ޓީއެމްއިން ލޯންޗް ކުރި މަގޭ ވެބްސައިޓާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވަނީ އެންޖީއޯ ތަކުން ކުރާ ކަންކަމުގައި ތަންކޮޅެއް ޒިންމާދާރުވުން މުހިއްމުކަމަށް ވިދާޅުވެފައެވެ. ރޮޒެއިނާ ވަނީ މަގޭ އެމްޕީ ވެބްސައިޓުގައި މަޖިލީހުގެ މެންބަރުން ވޯޓު ނުދެއްވާ ބިލްތައް އެނގެން ހުންނައިރު އެ ބިލްތަކަށް ވޯޓު ނުދެއްވި ސަބަބު އެނގެން ނެތުމީ ބޮޑު އޮޅުވައިލުމެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ވައްކަމާއި ދެކޮޅަށް، ރައްޔިތުންގެ ހައްގޮތަށް ހޯދައިދީ އިންސާފު ހޯދުމަށް މަޖިލީހުގައި ކުރި ބޮޑު ހަނގުރާމަ ޓީއެމް އިން މިނަނީ ކޮން ތިލަފަތަކުންތޯ ރޮޒެއިނާ ވަނީ ސުވާލުކުރައްވައިފައެވެ. އަދި ގާނޫނާ ހިލާފަށް ބޭއްވި މަޖިލީހުގެ ޖަލްސާއެއް އެމްޑީޕީއިން ބޮއިކޮޓް ކުރިކަން ޓީއެމްއަށް އެނގޭތޯ ވެސް ރޮޒެއިނާ ވަނީ ސުވާލުކުރައްވައިފައެވެ.

ޓީއެމްގެ ''މަގޭ އެމްޕީ'' ވެބްސައިޓުގައި ވަނީ މެންބަރުން މަޖިލީހުގެ ބިލުތަކަށް ވޯޓުދިން ގޮތުގެ މައުލޫމާތު އަދި ހާޒިރީ ފަދަ މުހިންމު މައުލޫމާތުތައް ހިމަނައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟