އިލެކްޝަންސް ކޮމިޝަން

ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ހަސަން ޝިޔާމުގެ ފޯމު ބަލައިގަނެ އެކަންވާނީ އަންގާފަ: އިލެކްޝަންސް

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުންކުރި އަމުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލެއްވި، ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ފޯމު ބަލައިގަނެ އެކަން އޭނާއަށް އަންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމް އިއްވުމާއެކު އެދުވަހު އެ ފޯމު ކޮމިޝަނަށް ބަލައިގަނެ އެކަން ހަސަން ޝިޔާމަށް ވެސް އަންގާފައިވާ ކަމަށެވެ.

މެދު ހެންވޭރު ދާއިރާގެ މަޖިލިސް ގޮނޑިއަށް އަމިއްލަގޮތުން ވާދަ ކުރެއްވުމަށް ހަސަން ޝިޔާމް ފޯމު ހުށަހެޅުއްވުމުން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ އެފޯމު ބަލައި ނުގަނެފަ އެވެ. އޭރު އެ ފޯމު ބަލައިނުގަތީ، ޝިޔާމްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ސާބިތު ދަރަންޏެއްގެ މައްސަލައިގައެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެނާގެ ފޯމު ބާތިލްކޮށްފައި ވަނީ ފުރިހަމަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް ވިދާޅުވެ، ޝިޔާމް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މައްސަލަ ބެއްލެވުމަށްފަހު، ހަސަން ޝިޔާމްގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައި ވަނީ ހުސްވި ފެބްރުއަރީ މަހުގެ 27ގަ އެވެ.