ކުޅިވަރު

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް ބާސާއިން ރެއާލް ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދައި، ބާސެލޯނާއިން ސްޕެނިޝް ލަލީގާގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިއީ ފާއިތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ބާސާއިން ރެއާލް ބަލިކުރި ދެ ވަނަ ފަހަރެވެ. ސްޕެނިޝް ކޮޕަ ޑެލްރޭގެ ދެވަނަ ލެގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ އެޓީމުވަނީ ރެއާލްގެ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެހެންކަމުން، ރޭ ސްޕެނިޝް ލީގުގައި ރެއާލްއިން ނިކުތީ އެ ނަތީޖާ ހަނދާން ނައްތާލައި، ބާސާ ބަލިކުުރުމުގެ ރޫހުގައެވެ. ނަމަވެސް، ހީކުރި ގޮތާ ޚިލާފަށް ރޭގެ މެޗުގައި ރެއާލްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން ބާސާއިން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ރޭގެ މެޗުގެ ހަމައެކަނި ލަނޑު، މެޗުގެ 26 ވަނަ މިނެޓުގައި ބާސާއަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗްއެވެ.

މި މޮޅާއެކު، ބާސެލޯނާ ވެގެން ގޮސްފައިވަނީ ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިންފަހަރަށް މޮޅުވި ހަމައެކަނި ޓީމަށެވެ. އަދި ރެއާލްގެ ކޯޗު ސަންތިއާގޯ ސޮލާރީ ވެގެންގޮސްފައިވަނީ، 1987 ވަނަ އަހަރުގެ ފަހުން ބާސެލޯނާއާއި ދެކޮޅަށް ރެއާލްގެ ކޯޗުކަމުގައި ހުރެ ކުޅުނު ފުރަތަމަ ތިން މެޗުންވެސް މޮޅެއް ނުލިބުނު ހަމައެކަނި ކޯޗަށެވެ. އެޓީމު ވަނީ އެއްމެޗުން އެއްވަރުވިއިރު، އަނެއް ދެމެޗުން ބަލިވެފައެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ 60 ޕޮއިންޓު ހަމަކޮށް ރެއާލް މެޑްރިޑަށް ވުރެ 12 ޕޮއިންޓް ކުރިއަށް ޖެހިލައިފައެވެ. ތާވަލްގެ ދެވަނައިގައި އެއް މެޗު މަދުންކުޅެ ބާސާއަށްވުރެ 10 ޕޮއިންޓް ފަހަތުން 50 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ރެއާލް އޮތީ 48 ޕޮއިންޓާއެކު ތިންވަނައިގައެވެ.