ޝަހީދާ އަބްދުﷲ ސައީދު
ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ ސެމިނާރެއް ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މައުލޫމާތުދިން ގޮތުގައި ޔުނިސެފްގެ މާލީ އެހީތެރިކަމާ އެކު ހިންގާ މި ސެމިނާރު ކުރިއަށްދަނީ މިމަހުގެ 2 އިން 5 ގެ ނިޔަލަށް ރ. އުނގޫފާރުގައެވެ.
ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ޖުވެނައިލް ކޯޓާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި ފުލުހުންގެ އިސް ބޭފުޅުން ކަމަށް ޑީޖޭއޭއިން ބުނެއެވެ.
މި ސެމިނާގައި ރ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުންނާއި ޖެންޑާ މިނިސްޓްރީއާ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އަތޮޅު ކައުންސިލް އިދާރާއާއި ސްކޫލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ޑިޖޭއޭއިން ބުނެފައިވެއެވެ.
ޑީޖޭއޭއިން ބުނި ގޮތުގައި މި ސެމިނާގެ މަގުސަދުގެ ތެރޭގައި ރާއްޖޭގެ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ބައިނަލް އަގްވާމީ ބެސްޓް ޕްރެކްޓިސްތައް އުނގަންނައި ދިނުން ހިމެނެއެވެ.
އަދި މި ސެމިނާރަކީ ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރުމާއި ކުޑަކުދީންގެ ހައްގުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ގާއިމު ކޮށްދިނުމުގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރުމުގެ މަގުސަދުގައި ބާއްވާ ސެމިނާއެއް ކަމަށް ބުނެފައިވެއެވެ.