ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި، އަޟުހާ އީދު ނުވަތަ ހައްޖުގެ މާތް އަދި އެހާމެ އުފާވެރި އަޅުކަމާ ގުޅިގެން އަންނަ އީދު، އާދެ އާއްމުކޮށް ކިޔާ ގޮތުންނަމަ ބޮޑު އީދު، ކޮންމެ ބަޔަކުވެސް އެބަޔަކަށް ވެވުނު އެންމެ ފުރިހަމައަކަށް ތައްޔާރުވެގެން، އެކިއެކި ފެންވަރުގައި ފާހަގަ ކުރުމަކީ އަދިވެސް ދެގޮތެއް ނުވެ އޮތް އާދައެކެވެ. އަބަދުވެސެ މިއީ ޗުއްޓީ ވެލާން ލިބޭ ވަރަށް ހާއްސަ ދުވަސްކޮޅެކެވެ. މިފަހަރުގެ އީދު ބަންދު އައިސް މިދިމާކުރީ، އަހަރުގެ ބޮޑު ބަންދު، ސުކޫލުތަކުގެ ބޮޑު ޗުއްޓީއާއެވެ. އެހެންކަމުން މި މަހެއްހައި ދުވަހުގެ މި ޗުއްޓީއަކީ، ކޮންމެ ބަޔަކުވެސް އެބައެއްގެ ފެންވަރުން، އާއިލާ އާއި ގާތްތިމާގެ މީހުންނާއި ރައްޓެހި، ރަހުމަތްތެރިންނާއި މިހެންގޮސް އެންމެންހެން އެއްބައިވަންތަކަމާއެކު ރޭވުންތައް ކުރިއަށް ގެންގޮސް، ދުރާލައި ތައްޔާރުވެފައިވާ ގޮތަށް ޗުއްޓީއާއި އީދު ފާހަގަކޮށް، އެއްދޮނުގައި ދެބުޅި ޖަހާ ފަހަރެކެވެ. މާލެއިން ބޭރަށް އަތޮޅުތެރޭގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިޔަސް މިކަމުގެ ވަރަށްބޮޑު ހެކިތަކާއި ކުލަމަންޒަރުތައް ފެންނަމުން އެބަދެއެވެ.
މި ފަހަރު އީދު ފޯރި އެންމެ ގަދަ އެއް އަތޮޅަކަށް ހުވަދުއަތޮޅުވެސް ވާނެއެވެ. ހުރިހާ ރަށްތަކެއްގައިހެން އީދުގެ ކުޅިވަރުތަކާއި ތަފާތު ކަންތައްތައް އީދުބަންދާ ދިމާކޮށް ކުރިއަށް އެބަގެންދެއެވެ. އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގެ މުބާރާތްތަކާއި ކުޅިވަރުތަކާއި އެހެނިހެން ތަފާތު ހަރަކާތްތަކެވެ. މީގެ ތެރެއިން ބައެއް ރަށްތަކުގައި ވަރަށް ކުލަގަދަކޮށް އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަގެންދެއެވެ.
ހުވަދު އަތޮޅު ދެކުނުބުރި، ގދ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި، އީދުގެ ކަންތައްތަކުގެ ހަރަދުތަކުގެ ބަޖެޓަށް ވާ ފައިސާ، އެކައުންސިލުން އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލާ ވަނީ ހަވާލު ކޮށްފައެވެ. އަތޮޅު ކައުންސިލުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއްވެސް، ހަމަ އެންމެ ފުރިހަމައަށް، ވީއެންމެ ރަނގަޅަށް، ރަށްތަކުގެ ރައްޔިތުންނަށް ކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ.
އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ޖުމްލަ ގޮތެއްގައި އީދުނަމާދުން އީދުގެ ހަރަކާތްތަކަށް ފެށުމަށް ހަމަޖައްސާފައިވާއިރު، އީދުގެ ސައި ހުރިހާ ރަށެއްގައިވެސް އޮންނާނީ ވަރަށް އެއްބައިވަންތަކަމާއެކު، އީދު ނަމާދަށްފަހު މިސްކިތްތަކުގެ ކައިރީގައި ނުވަތަ ރަށު ސްޓޭޑިއަމްތަކުގައެވެ. އެއަށްފަހު އީދުގެ ހަރަކާތްތައް ފެށިގެން ތިން، ހަތަރު ދުވަސް ނުވަތަ ފަސް ވަރަކަށް ދުވަހަށް ދެމިގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މީގެ ތެރެއިންވެސް ފާހަގަކޮށްލެވޭހާ ހާއްސަކޮށް، އެންމެ ކުލަގަދަކޮށް، އީދު ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ގދ ފިޔޯރީ އާއި ގދ ގައްދޫ އަދި ގދ ފަރެސްމާތޮޑާގައެވެ.
ގައްދޫގައި ވެސް މިފަހަރު ވަރަށް ކުލަގަދަ ގޮތެއްގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. ކޮވިޑު 19އާ ގުޅިގެން ރާއްޖެއަށް އައި ފުރަބަންދުގެ ހިތްދަތިކަމާއި ނަފުސާނީ ގޮތުން މީހުންނަށް ލިބިފައިވާ ވޭނީ ހިތްދަތިކަމުން ނެރެ، އުފާވެރި މާހައުލެއްގައި، އެއްބައިވަންތަކަމާއެކު އީދުގެ ކަންތައް ކުރިއަށް ގެންދިއުމަށް އެރަށު ކައުންސިލާއި އެހެނިހެން ފަރާތްތަކާއި ގުޅިގެން މުޅި ރަށުގައި ވަރަށް ފުރިހަމައަށް ތައްޔާރީތައް ކުރިއަށް އެބަގެންދެއެވެ. މިގޮތުން ފާހަގަކޮށްލެވިފައިވާ ތާވަލުގައިވާ ކަންތައްތަކަކީ:
ގދ ފިޔޯރީ ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލުން އިސްނަގައިގެން ފިޔޯރީގެ އެކި މުއައްސަސާތަކާއި ރަށުގެ ކުދިބޮޑު އެންމެންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ އީދު ހަރަކާތްތަކަށް ތައްޔާރު ކުރުމުގެ މަސައްކަތްތައް ވަރަށްހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. މިފަހަރުގެ އެންމެ ހާއްސަ ކުޅިވަރުކަމަށްވާ ހަވާ އެރުވުމުގެ ކަންތައް ކުރިއަށް ގެންދަނީ ރަށުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނާއި ރަށުން ބޭރުގައި ތިބި އެތައް ބައިވަރު ބައެއްގެ ދީލަތި އެހީތެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.
އީދު މަޅިއަކީ އަލިފާނުގެ ހަރަކާތެއްކަމަށްވާތީ މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރަށުގެ ފުއްޓަރު ފަރާތު މުދު ލޮނުގަނޑު ތެރޭގައި ވަރަށް ރައްކާތެރިކޮށް ކަމަށާއި އެގަޑީގައި ފުލުހުންނާއި އާއްމު ރައްޔިތުންގެ ތެރެއިންވެސް ހާއްސަ ވަކި ޓީމެއް އެހިސާބުގައި ހަރަކާތްތެރިވާނެކަމަށާއި މިކަންތައް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަރަށްވެސް ފަރުވާތެރިކަމާއެކު ވަރަށް ރައްކާތެރިގޮތެެއްގައިކަމަށް ކައުންސިލުން މައުލޫމާތުދެއްވިއެވެ. އަދި މިހިސާބަށް ކުޑަކުދިންނަށް ނުނިކުމެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ތިރީގައި މިވަނީ، މިގޮތުން ގދ ފިޔޯރީގައި ކުރިއަށްދާ އީދުގެ ހަރަކާތްތަކުގެ ތާވަލެކެވެ.
ހުވަދު އަތޮޅު އުތުރުގެ ގއ ގެ ރަށްތަކުގައިވެސް ވަރަށް ފުރިހަމަކަމާއެކު އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް އަތޮޅު ކައުންސިލުން ވިދާޅުވިގޮތުގައި، އެކައުންސިލުން މިކަމަށް ވަކި ބަޖެޓެއް ކަނޑައަޅައި، ހަރަދުތަކެއް ކުރާ ގޮތަށް ނޯންނަކަމަށާއި އަބަދުވެސް އީދުގެ ކަންތައް، ކުރިއަށް ގެންދަނީ އެރަށެއްގެ ރައްޔިތުން އަމިއްލައަށް ކަމަށެވެ. ރަށު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަކަމުގައި ވިޔަސް އެކަމަކަށް ވަކި ބަޖެޓެއް ކަނޑައަޅައި ހަރަދު ކުރާ ގޮތަކަށް ނޯވެއެވެ.
މިއަތޮޅުގެ ވެސް ހުރިހާ ރަށެއްގައިހެން އީދު ހަރަކާތްތަކާއި ތަފާތު އެކިކަހަލަ ސަގާފީ ކުޅިވަރުތަކާއި ޒަމާނީ ކަރައޯކޭ، ފުޓްސަލް، ބަށި ކަހަލަ މުބާރާތްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ހުރިހާ ރަށެއްގައިހެން އީދު ހަރަކާތްތައް ފަށާގޮތަށް ހަމަޖެހިފައި ވަނީ އީދު ނަމާދަށްފަހު ބޭއްވޭ ހާއްސަ އީދު ސައި ނުވަތަ ނާސްތާއިންނެވެ. ކޮންމެ ރަށެއްގައިވެސް މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ މިސައި އޮންނާނީ ރަސްމީކޮށް އީދު ނަމާދު ކުރެވޭ މިސްކިތް ކައިރީ މަގުގައެވެ. އަދި ބައެއް ރަށްރަށުގެ ސްޓޭޑިއަމްތަކުގައިވެސް އީދު ސައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަތޮޅުގެ ރަށްތަކުގެ ތެރެއިން ފާހަގަ ކުރެވޭ ވަރަށް ކުލަގަދަކޮށް އީދުގެ ތައްޔާރީތައް ގެންދާ ރަށްތަކުގެ ތެރޭގައި ކޮލަމާފުށި، ގެމަނަފުށި، މާމެންދޫ، އަދި ވިލިނގިލި ހިމެނެއެވެ.
ކޮލަމާފުށީ ކައުންސިލުގެ ރައީސް މައުލޫމާތު ދެއްވި ގޮތުގައި މީގެ ކުރިން އެއްވެސް އީދެއްގައި އެރަށުގައި ފާހަގަ ނުކުރާ ވަރަށް ކުލަގަދަ ކޮށް މިފަހަރުގެ ބޮޑު އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަމުގެ ތައްޔާރީތައް ވަރަށް ހަލުވިކަމާއެކު އެހާމެ ފުރިހަމަކޮށް ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން ރަށުފެންވަރުގައި ސަގާފީ ކުޅިވަރުތަކާއި ކުޑަކުދިންގެ ހަވީރާއި ފުޓްސަލް މުބާރާތްތައް ކުރިއަށް ގެންދާން ވަނީ ނިންމައިފައެވެ.
އީދުގެ ހަރަކާތްތައް ފެށޭނީ، ކޮންމެ އަހަރަކުވެސް ކައުންސިލުން ރާވައިގެން ކުރިއަށް ގެންދާ އީދު ސައިންނެވެ. އީދުގެ ސައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންނަ އުސޫލުގެ މަތިން އީދު ނަމާދަށްފަހު، ހުކުރު މިސްކިތް ކައިރީގައި، އެހިސާބުގެ މަގުގައެވެ. އީދު ސައިން ފެށިގެންދާ އީދުގެ ކުޅިވަރުތަކާއި ހަރަކާތްތަކުގެ ތެރޭގައި ޖުލައި 10 ވަނަދުވަހުން ފެށޭ ސަގާފީ ކުޅިވަރުތަކާއި ފުޓްސަލް މުބާރާތް ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. ކުޅިވަރުތައް ބޭއްވޭނީ ބަނދަރު ސަރަހައްދުގައެވެ. ރޭގަނޑު 12 ޖަހަންވާއިރަށް އީދުގެ ކުޅިވަރުތައް ކޮންމެ ރެއަކުވެސް ނިންމާލެވޭނެއެވެ.
ވަރަށްވެސް ފުޅާކޮށް އީދުކުޅިވަރުތަކެއް ރާވާފައިވާކަމަށް ގއ މާމެންދޫގެ ކައުންސިލު ރައީސްގެ މިއަހަރުގެ އަޟުހާ އީދާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މިހާތަނަށް މާމެންދޫގެ ތާރީހުގައި، ރަށު ކައުންސިލުން ރާވައިގެން އެއްވެސް ފަހަރެއްގައި އީދު ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށާއި އެހެންނަމަވެސް މިއަހަރުގެ އީދުގެ ކުޅިވަރުތައް ކައުންސިލުގެ ފަރާތުން ވަރަށްވެސް ފުރިހަމަކޮށް ކުރިއަށް ގެންދާނެކަމަށް ކައުންސިލު ރައީސް ވިދާޅުވިއެވެ. ވޭތުވެދިޔަ ދެއަހަރެއްހާ ދުވަސް ރަށުގެ ރައްޔިތުން ތިބީ ކޮވިޑުގެ ހާލަތުގެ ސަބަބުން ވަރަށްވެސް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިކަމަށާއި އެވިސްނުންތަކަށް ބަދަލު ގެނެސް އެއްބައިވަންތަކަމުގެ ރޫހު އާލާ ކުރެވޭފަދަ ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުތައް ފެށޭނީ އީދުވިލޭރޭގެ އީދު މަޅިންނެވެ.
އީދު މަޅިއަކީ އަލިފާނުގެ ކުޅިވަރެއްވީމަ، މަޅިރޯކުރުން އޮންނާނީ ފުއްޓަރު ފަރާތުގަ އޮންނަ ކުރާގަޑެއްގައެވެ. މިއީ އާއްމުކޮށް މީހުން ގޮސް ނޫޅޭ ހިސާބެކެވެ. އަދި މިކަމަށް ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަފައިވާނެކަމަށްވެސް ކައުންސިލު ރައީސް ވިދާޅުވިއެވެ. އެންމެ ހާއްސަ އީދު ސައި ބާއްވާނީ ޑަބްލިއުޑީސީ (ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ) އާއި ރަށު ކައުންސިލު ގުޅިގެންނެވެ. އީދު ސަޔަށްފަހު ކުޅިވަރުތައް ފެށިގެންދާނެއެވެ. ތިރީގައި މިވަނީ ކުރު ލިސްޓެކެވެ.
ގއ ގެމަނަފުށީގައިވެސް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ރަށްތަކެކޭ އެއްގޮތަށް އީދު ނަމާދާއި އީދު ސައިގެ އިތުރުން ސަގާފީ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ، ޖުމްލަ ގޮތެއްގައި ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އެކި ފެންވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ބައެއް ރަށްރަށުގައި ވަރަށްވެސް ކުލަގަދަކޮށް، ވަރަށް ފުރިހަމައަށް ރޭވިގެން އީދުގެ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހާއްސަަކޮށް ފާހަގަކޮށްލެވޭ ކަމަކީ، ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި މިވަނީ މައިގަނޑުގޮތެއްގައި ސަގާފީ ހަރަކާތްތައްކަމެވެ. ގާތްގަނޑަކަށްހެން ހުރިހާ ރަށެއްގައިވެސް އީދުނަމާދަށްފަހު އީދު ސައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޑަކުދިންގެ ހަވީރާއި ސަގާފީ ހަރަކާތްތަކެއް ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދެއަހަރު ދުވަހުގެ ވަރުބަލި، ނަފުސާނީ ގޮތުން އެެތައް ދަތިކަމެއް ކުރިމަތި ކުރުވި ކޮވިޑުގެ ލޮކްޑައުންގެ ހާލަތަށްފަހު، މިއީ ހަމަޖެހިލެވޭ ފުރަތަމަ އަލުހާ އީދެވެ.
މިފަހަރު އީދު ފާހަގަ ކޮށްލަން ހުވަދު އަތޮޅުގެ ކޮންމެވެސް އެއްފަޅިއަކަށް ދިއުން ހަމަ އެއްވަނަ އިނގޭތޯއެވެ.