ރައްޔިތުންގެ މަޖިލިސް

ރިޔާސީ ކޮމިޝަނާމެދު ޝައްކު އުފެދޭ، ތަހުގީގީ އިދާރާތަކަށް އިތުބާރު ނެތް ނަމަ ވަކިކުރަން މަޖިލީހަށް ދާންވީ: ރިފާއު

ޝަހީދާ އަބްދުﷲ ސައީދު

1

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނާމެދު ޝައްކާއި ވަހުމް އުފެދޭ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

''ވަންއޮންލައިން"އަށް މައުލޫމާތުދެއްވަމުން ރިފާއު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަކީ ތަހުގީގު ކުރުމުގެ ބާރުތައް ގާނޫނީ ގޮތުން ލިބިގެންވާ ކޮމިޝަނެއް ނޫން ކަމަށާއި އެއީ ބައެއްގެ ހައްގުތައް ހޯދައިދިނުމަށްވުރެ ބޮޑަށް ވަކި ބަޔަކަށް އަނިޔާ ވެރިވުމަށް އުފެއްދި ކޮމިޝަނެއް ކަމަށެވެ.

ރިފާއު ވިދާޅުވީ ގާނޫނަކުން ބާރުތައް ދީފައިވާ ތަހުގީގީ އިދާރާތައް އެބަހުރި ކަމަށާއި އެއިދާރާތަކުގެ ވެރިންނަށް އިތުބާރު ނުކުރެވޭނަމަ، އަލުން ވެރިން ކަނޑައެޅުމަށް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

ނަމަވެސް ރިފާއު ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން ދެވެން އޮތް ގޮތް ބަދަލުކޮށް މުޅި ނިޒާމު ފޫއަޅުވައިލުމަށްފަހު ވަކި ކޮމިޝަނެއް ހަދައި، އަދި ވަކި ދުވަސްވަރެއްގެ މައްސަލަތައް ތަހުގީގު ކުރަން އުޅުމުން ކޮމިޝަނާމެދު ޝައްކު އުފެދެއެވެ.

''ރިޔާސީ ކޮމިޝަނުން ތަހުގީގު ފެށީމަ އެހެން ކޮމިޝަންތަކުގެ ގާނޫނީ ބާރު އެބަކެނޑިގެންދޭ. އޮޑިޓާ ޖެނެރަލަށް އިތުބާރު ނުކުރެވެނީ، އޭސީސީގެ މެންބަރުންނަށް އިތުބާރު ނުކުރެވެނީ ފުލުހުންނަށް އިތުބާރު ނުކުރެވެނީ، އެހެންކަމަށް ވަންޏާ އެބޭފުޅުން ބަދަލުކުރަން މަޖިލީހަށް ހުށަހަޅާށޭ ބަދަލުކުރަން. އެކަން ކުރެވިދާނެ. އިތުބާރު ކުރެވޭ ވަރުގެ ބޭފުޅުންލާށޭ އެމަގާމުތަކަށް. އެކަން ކުރުމުގެ ބަދަލުގައި މުޅިއެތި އޯވަރައިޑްކޮށް އާވައްތަރަކަށް މީތި އަނބުރަން އުޅުނީމަ މީގަ އެބަ ޝައްކާއި ވަހުމް އުފެދޭ.'' ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ސިޔާސީ މަޝްރަހުގައި މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ކޮމިޝަނުގެ ބިލަށް ވޯޓް ދީފިނަމަ މާދަމާ މަޖިލީހަށް ކުރިމަތިލާފައިތިބި ކެންޑިޑޭޓުންތަކެއް ގެންގޮސް ޖަލުގައި ބަންދުކޮށްގެން ބޭތިއްބުމުގެ ފުރުސަތުވެސް އެބައޮތްކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟