ރިޔާސީ އިންތިހާބު

ރައީސް ޔާމީން ހުށަހެޅުއްވީ އިންތިހާބު ބާތިލްކުރަން، އިލެކްޝަނަށް ޖަވާބުދާރީވާން އަންގައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވީ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ކަމަށާއި އެ މައްސަލައަށް އަންނަ ހޮނިހިރު ދުވަހަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާން އަހްމަދު އަކްރަމް "ވަން"އަށް ވިދާޅުވީ ސުޕްރީމް ކޯޓްގައި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު 9:45 ގައި ބާއްވާފައިވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00ގެ ކުރިން އެ މައްސަލައަށް ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގެންފައިވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ، ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ކަމަށާއި ވީހާވެސް އަވަހަކަށް ޖަވާބު ތައްޔާރުކޮށް ސުޕްރީމް ކޯޓަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ.

ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، ރައީސް ޔާމީން ވަނީ ބަލިގަބޫލުކުރައްވައިފައެވެ. ނަމަވެސް ދާއިމީ ނަތީޖާއަށް ފަހު ޕީޕީއެމްއިން ދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ދާއިމީ ނަތީޖާއަށްފަހު ޕީޕީއެމްއިން ބާއްވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ފުރަތަމަ މުޒާހަރާގައި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.