ޝަހީދާ އަބްދުﷲ ސައީދު
ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކެންޑިޑޭޓުން ނެރެފައިވާ ދާއިރާތަކަށް އެޕާޓީގެ މެންބަރުން އަމިއްލަ ގޮތުން ނުކުތަސް ޕާޓީން އެމީހަކަށް ތާއީދު ނުކުރާނެ ކަމަށާއި އެމައްސަލައިގައި ފިޔަވަޅު އަޅާނެކަމަށް އެޕާޓީން ބުނެފިއެވެ.
'ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެޕާޓީގެ ޓިކެޓްގައި މަޖިލީހުގެ ދާއިރާތަކަށް ކެންޑިޑޭޓުން ނެރެފައިވަނީ ޕާޓީގެ ލީޑާޝިޕުން ކަމަށެވެ.
އަދި ލީޑާޝިޕުގެ އެނިންމުމާ ހިލާފަށް ޕާޓީގެ މެންބަރަކު އަމިއްލަ ހައިސިއްޔަތުން އެދާއިރާއަކަށް ވާދަ ކުރި ނަމަވެސް ޕާޓީން ތާއީދު ނުކުރާނެ ކަމަށާއި އެއީ ޕާޓީގެ މަސްލަހަތާ ފުށު އަރާ ކަމެއް ކަމަށެވެ.
އަދި އެއީ ސުލޫކީ މައްސަލައެއް ކަމަށާއި އެމައްސަލައިގައި އިދާރީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅަން ކޮމެޓީއަށް ފޮނުވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖޭޕީން ކުރިމަތިލާ ބައެއް ދާއިރާތަކަށް، ޕާޓީގެ ބައެއް މެންބަރުން އަމިއްލަ ގޮތުން ވާދަކުރަން ނިންމާފައިވަނީ ޕާޓީއާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުގެ ތެރޭގައި އެޕާޓީއަށް ވަރަށް ހިދުމަތްތެރި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އަލީ ސޯލިހް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކި ބޭފުޅުން ތަކަކަށް ޓިކެޓް ހަވާލުކޮށްފައި ވަނިކޮށް އެ ބޭފުޅުން ކުރިމަތިލާ ދާއިރާތަކަށް ޕާޓީގެ މެންބަރުންތަކެއް އަމިއްލަގޮތުން ވާދަކުރުމަކީ ޓިކެޓް ލިބުނު މެންބަރުންގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާނަމަ ޕާޓީން ވަކިވުމަށްފަހު ވާދަކުރުމަށް ހުރަހެއް ނެތް ކަމަށާއި އިންތިހާބަށްފަހު އަލުން ޕާޓީއާ ގުޅުމުގެ ފުރުސަތު އެފަރާތްތަކަށް އެބައޮތް ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.
ޖޭޕީން މިފަހަރުގެ އިންތިހާބުގައި 41 ދާއިރާއަކަށް ވާދަކުރުމަށް ނިންމައި، ކެންޑިޑޭޓުން މިހާރު ވަނީ އެދާއިރާތަކަށް ނެރެފައެވެ.