އިލެކްޝަންސް ކޮމިޝަން

ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު މިރޭ 10:00އަށް އިތުރުކޮށްފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މީހުން ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު މިރޭ 10:00އަށް އިތުރުކޮށްފި އެވެ.

ކުރީން އޮތް ގޮތުން ނަމަ، ރީ ރެޖިސްޓްރޭޝަނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހަވީރު 03:00އަށް ހަމަ ވާނެ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ ވިދާޅުވީ، އިތުރު ފުރުސަތަށް އެދި ވަރަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށާއި އިލެކްޝަނުން ބޭނުންވަނީ ވޯޓު ލުމަށް ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން އެދެނީ އަލުން ރަޖިސްޓްރީ ވާން ޖެހޭ މީހުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވުން. ދެވެން އޮތް ވަރަކުން އަޅުގަނޑުމެން ވަގުތު އިތުރުކޮށްދެމުން މި އަންނަނީ." އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރީ ރެޖިސްޓްރީ ކުރުމަށް ހުޅުވައިލި ފުރުސަތުގައި އެންމެ ފުރަތަމަ ތިން ދުވަހަށް ބަލާ އިރު ފޯމުލީ އެންމެ 100 ވަރަކަށް މީހުން ކަމަށާއި އެހެން ނަމަވެސް މިހާރު އެ އަދަދު 8500އަށް އަރާފައިވާ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ތެރެއިން އަލުން ރަޖިސްޓްރީ ކުރަން ޖެހޭނީ، މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުން އެކަންޏެވެ.