ހައުސިން މިނިސްޓްރީ

ހައުސިންގެ މުވައްޒަފުން އޭސީސީއަށް: ގޯތިދޭން އުޅެނީ ވަކިބަޔަކަށް، މިކަން ހުއްޓުވައިދީ!

ހުޅުމާލޭ ދެވަނަ ފިޔަވަހީން ވިއްކަން އުޅޭ 400 ގޯތި ވިއްކުން ހުއްޓުވައިދިނުން އެދި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ތަކެއް އޭސީސީގައި އެދިއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭސީސީއަށް މިއަދު ފޮނުވި ސިޓީގައި ޖުމުލަ ގޮތެއްގައި ފާހަގަކޮށްފައި ވަނީ ގޯތި ވިއްކަން އުޅެނީ ގަވައިދާ ޚިލާފަށް ކަމަށެވެ. އެ ގޮތުން ހައުސިން އިން ގޯތި ވިއްކުމުގެ ކަންކަން މިހާރު ވެސް ކުރިޔަށް ގެންދަނީ އޭސީސީގެ އެންގުމާ ޚިލާފަށް ކަމަށް އެސިޓީގައި ވަނީ ބުނެފަ އެވެ. އެ ގޮތުން ޕޮއިންޓް ދޭނެ އުސޫލެއް ވެސް އޭސީސީގެ އެންގުމާ އެއްގޮތަށް ހަދާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ގޯތި ދޫކުރަން އުޅެނީ ވަކި ބަޔަކަށް އެ ފުރުސަތު ފަހިވާނޭ ގޮތަށެވެ. އެ ގޮތުން މިދިޔަ ދުވަސް ތަކުގައި ގިނަ ބަޔަކު ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ކަމަށާއި އެތައް އަހަރެއް ވާންދެން ދަފުތަރުގައި ތިބި މީހުންނާ އިހަށް ދުވަހު ދަފުތަރުގައި ޖެހުނު މީހުނާ ވެސް މާކްސް ދިނުމުގައި އެއްވެސް ތަފާތެއް ނެތުމުން އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެސިޓީގައި ބުނެފައިވެ އެވެ. ދަފުތަރުގައި އަލަށް ރަޖިސްޓްރީވި މީހުންގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ އިސް މަގާމު ތަކުގައި ތިބޭ މީހުންނާއި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވަމުން ދާ މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ގުރުއަތުލާ އިރު ވަކި ބަޔަކު ހޮވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށްފައިވާ ކަމަށާއި ހޮވޭނެ މީހުންގެ ލިސްޓު ކަމަށް ބުނާ ލިސްޓެއް ވެސް ގެންގުޅެމުންދާ ކަމަށެވެ. އެ ލިސްޓުގައި ޕީޕީއެމްގެ އެކްޓިވިސްޓުންނާއި ދައުލަތުގެ އެކި މަގާމިތަކުގައި ތިބި މީހުންނާއި އެމީހުންގެ ގާތް މީހުން ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ދާދި ފަހުން ދަފުތަރުގައި ޖެހުނު މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.