ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތުން މައްޗަންގޯޅި މަހުރޫމްވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން، މއ. ބާބުލްއަވާލީ، އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިބްރާހީމް މުހައްމަދު މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
"މައްޗަންގޯޅިއަކީ މާލޭ ގްރޭންޑް ފްލެޓް ވެސް ހުރިތަން. އޭޓީއެމްގެ ޚިދުމަތުން މައްޗަންގޯޅި މަހުރޫމެވެފައި އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން." އިބްރާހީމް ވިދާޅުވި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާރުދެއްވަމުން އިބްރާހީމް މިއަދު ވިދާޅުވީ މައްޗަންގޯޅި ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ދިވެހި ބޭންކުގެ އޭޓީއެމްތައް މިހާރު އެބަހުރި ކަމަށާއި މައްޗަންގޯޅިއަކީ ވެސް ވަރަށް ބޮޑު އާބާދީއެއް އޮތް އަވަށަކަށް ވާއިރު އެތަނުގައި އެ ޚިދުމަތް ނެތުމުގެ ޝަކުވާ ރައްޔިތުންގެ ބޮޑު ކަމަށެވެ. އަދި ކުރީން މައްޗަންގޯޅީގައި، މީރާ ހުރި ސަރަހައްދުގައި އޭޓީއެމް ހުރިކަން ފާހަގަކުރައްވަމުން އިބްރާހީމް ވިދާޅުވީ އެތަނުގައި ހުރި އޭޓީއެމްތައް ނެގުމަށް ފަހު އެ އަވަށުގެ އެހެން ސަރަހައްދެއްގައި އެ ޚިދުމަތް ގާއިމުކޮށްދީފައި ނުވާ ކަމަށެވެ.
އެހެންވީމަ މި ޚިދުމަތް މައްޗަންގޯޅީގެ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ލިބިދިނުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް. ކައިރީން ޚިދުމަތް ދިނުމަކީ މިހާރުގެ ސިޔާސަތު. ތޮއްޖެހިފައިވާ މާލޭގައި އެކި ކަހަލަ ބޭނުންތަކަށް ނަމަވެސް، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން މަދުކުރުމަކީ ސިއްހީ ގޮތުންނާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބަލާ އިރުވެސް ކުރާން ޖެހޭ ކަމެއް." އިބްރާހީމް ވިދާޅުވި އެވެ.