ޕޮލިސް

މާލެ އެތެރެކުރި 28 ފުޅި ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފި

މާލެ އެތެރެކުރި 28 ފުޅި ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލެއަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް އަދި 27 އަހަރުގެ ދެ ފިރިހެނުން މިއަދު މެންދުރުފަހު 2:35 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ތިން ސައިކަލެއްގައި ދަނިކޮށް އެތަނުން އެއް ސައިކަލުގައި ތިބި ދެ މީހުން ހޮޓެލް ޖެން ކައިރިން ހުއްޓުވައި، ބަލައި ފާސްކުރި އިރު އެ ސައިކަލުގެ ފަހަތުގައި އިން މީހާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހެއްގެ ތެރެއިން ބަނގުރާ ހަތް ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ އިތުރުން އަމީރު އަހުމަދު މަގާއި ސޯސަން މަގު ގުޅޭ ހިސާބު ކަންމަތިން ދެވަނަ ސައިކަލް ހުއްޓުވައި، ބަލައި ފާސްކުރި އިރު އެ ސައިކަލުގެ ފަހަތުގައި އިން މީހާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހެއްގެ ތެރެއިން ބަނގުރާ ހަތް ފުޅި ފެނިފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އަމީރު އަހްމަދު މަގުގައި ހުންނަ މޯލްޑިވްސް ކޮމާޝަލް ބޭންކް ސަރަހައްދުން ތިންވަނަ ސައިކަލް ހުއްޓުވި ވަގުތު އެ ސައިކަލުގެ ފަހަތުގައި އިން މީހާގެ އަތުގައި އޮތް ދެ ދަބަހެއް މަގުމައްޗަށް އެއްލާލުމަށް ފަހު ސައިކަލުން ފުންމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށާއި އެ ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާ ކަމަށެވެ.

ތިންވަނަ ސައިކަލު ފަހަތުގައި އިން މީހާ އެއްލައިލި ދެ ދަބަސް ބަލައި ފާސްކުރި އިރު އޭގެން ކޮންމެ ދަބަހެއްގެ ތެރެއިން ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އެތަނުން އެއް ދަބަހުން ދެ ފުޅި ތެޅިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.