ސިނގިރޭޓު ފަދަ ގެއްލުން ހުރި ތަކެތި ބޭނުންކޮށް އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ރާއްޖޭގެ ގިނަ މީހުން އެކި ބަލިތަކުގައި މަރުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކަނޑައެޅިގެން އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ ދުންފަތާއި ސިނގިރޭޓް ފަދަ ތަކެތި، އަމިއްލަ އިހުތިޔާރުގައި ބޭނުންކުރުން ކަމަށެވެ.
"މި ތަކެއްޗަކީ ނިކޮޓިން ފަދަ ވިހަގަދަ މާއްދާތައް އެކުލެވިގެންވާ ތަކެއްޗެވެ. ގެއްލުން ހުރި މިފަދަ ތަކެތި ބޭނުންކޮށް އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ގިނަ ދުވަހުން ނަމަވެސް، އެއްޗެއް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއް ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ދުންފަތާއި ސިނގިރޭޓަކީ އެތަކެއް އިންސާނުންގެ ފުރާނައާއި ގިނަގުނަ މުދާ ފަނާކުރަމުންދާ ވަބާއެއް ކަމަށާއި އޭގައި ޖެހުނު ކޮންމެ މީހެއްގެ ސިއްހަތަށް ނުހަނު ގެއްލުން ހުރި ވަބާއެއް ކަމަށެވެ. އަދި އެއީ ފުއްޕާމެޔާއި، ދުލާއި، ރަހިމާއި، ގޮހޮރުގެ ކެންސަރު ފަދަ ކެންސަރު ބަލިތައް ޖައްސާ ނުރައްކާތެރި ވަބާއެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"އޭގެ ޝިކާރައަކަށްވުމުގެ ނަތީޖާއެގެ ގޮތުން އަމިއްލަ ނަފުސަށާއި، އެކުގައި އުޅޭ އެތައް ބައެއްގެ ސިއްހަތަށް ގެއްލުން ލިބި، އެންމެފަހުން ލޯބިވާ އަނބިދަރިންނާއި ގެދޮރާއި މުދާ ދޫކޮށް، ދުނިޔެއާ ވަކިވެ ދާން ޖެހިދެއެވެ. މި ދެންނެވި ވަބާ ޖައްސާ ވަސީލަތަކީ އިންސާނާ ބޮޑު ހަރަދުކޮށްފައި ގަންނަ ދުންފަތުގެ ތަފާތު ބާވަތްތަކެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބާވަތަކީ ސިނގިރޭޓެވެ. އެ ރޯކޮށްލީމާ މަޑުމަޑުން އަދައި އަޅިޔަށްވެ، ހުލިވެގެންދާ ފަދައިން އެ އިސްތިއުމާލުކުރާ މީހާ އާއި އޭނާގެ ފައިސާ ވެސް މަޑުމަޑުން އަނދައި ހުލިވާން ފަށައެވެ. އެންމެ ފަހުން ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއްގެ އަސީރަކަށްވެ، މި ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ މިއަދު ރާއްޖޭގައި އެންމެ ހަގު އުމުރުފުރާއިން ފެށިގެން ދޮށީ އުމުރުފުރާގެ މީހުންނަށް ދާންދެން ދުންފަތުގެ އިސްއުމާލު ކުރާ ކަމަށާއި އެއީ މޮޅުކަމެއް ކަމުގައްޔާއި އަދި ރީތި އާދައެއް ކަމުގައި އެ ބޭނުންކުރާ ބައެއް މީހުން ދެކޭ ކަމަށެވެ.
"އިސްލާމްދީން ހުއްދަކުރައްވާފައިވަނީ ފައިދާ ހުރި ރަނގަޅު ތަކެއްޗެވެ. ގެއްލުން ހުރި ނުރަނގަޅު ތަކެތި އެކަލާނގެ ހަރާމް ކުރެއްވިއެވެ. ހަށިގަނޑަށް ގެއްލުންދޭ އެންމެހައި ކަންކަމުން ދުރުހެލިވެ، ނަފުސު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.