ޕޮލިސް

ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން: ޕޮލިސް

ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ޕޮލިހުން މިހެން ބުނީ ރޭ 14 އަހަރުގެ ކުއްޖަކަށް ހަމަލާދީ މަރާލުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

ފުލުހުންގެ ބަޔާނުގައި މާލެއާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި ހައްޔަރުކުރެވިފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި މާލެ އާއި ރާއްޖޭގެ އެހެނިހެން ސަރަހައްދު ތަކަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހު މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައިވެ އެވެ. އެފަރާތްތައް ހޯދައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އަޤީންކަން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ފުލުހުން މި ބަޔާން ނެރެފައިވާ އިރު މާލޭގައި މި ހަފުތާތެރޭގައި ހަތަރު ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އޮލިމްޕަސް ކައިރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އަދި މާލޭގައި ބުދަ ދުވަހުގެ މެންދުރު ގިޔާސުއްދީން ސްކޫލް ކައިރީގައި ވެސް ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރެއިން އައްޑޫގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނާ އަދި އޮލިމްޕަސް ކައިރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްއެވެ.

އޭގެ އިތުރުން ބުދަ ދުވަހުގެ ރޭ މާރާމާރީއެއް ހިންގަން އުޅުނު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ފަސް މީހުން ހައްޔަރުކުރީ ފިހާރައަކުން ވަޅިތަކެއް ގަނެގެން ކާނިވާ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.