އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން 1-0 އިން ސްރީ ލަންކާ އަތުން މޮޅުވެއްޖެއެވެ.
މިއަދުގެ މެޗަކީ ރާއްޖެއިން ކޮލިފިކޭޝަންގެ ފައިނަލް ބުރުގައި ކުޅުނު އެންމެފަހު މެޗެވެ. މިއަދުގެ މެޗަށް ނުކުތް އިރުވެސް ރާއްޖެއަށް އޮތީ އަންނަ އަހަރުގެ އޭޝިއަން ކަޕުގެ ފުރުސަތު ގެއްލިފައެވެ. އެއީ ގްރޫޕުގެ ދެވަނަ ލިބެން ނެތުމުންނެވެ. ރާއްޖެއިން މިއަދުގެ ކުރިން ކޮލިފިކޭޝަންގައި ކުޅުނު އަނެއް ދެމެޗުންވެސް އޮތީ ބަލިވެފައެވެ. އެއީ ފުރަތަމަ މެޗުގައި ތައިލެންޑު ކައިރީ 3-0 އިން ވި ބައްޔާއި ދެވަނަ މެޗުގައި އުޒްބެކިސްތާނު އަތުން 4-0 އިން ވި ބައްޔެވެ.
ލަންކާ އާއި ރާއްޖެއަށްވެސް ކޮލިފިކޭޝަން ފުރުސަތު މިއަދުގެ މެޗަށް ނުކުތް އިރު ނެތެވެ. ލަންކާ އާއި ރާއްޖެއަށްވެސް ކުރީ މެޗުތަކުން މޮޅެއް ނުހޯދި އޮތުމުން މިއަދުގެ މެޗުން މުހިއްމުވީ މޮޅެއް ހޯދުމެވެ. އެއީ ހިތްހަމަ ޖެހުމަކާއެކު ކޮލިފިކޭޝަން ނިންމާލުމަށެވެ. މަރުކަޒީ ސްޓޭޑިއޮންގައި ކުޅުނު މެޗުން ރާއްޖެ ހޯދީ ހަނި މޮޅެކެވެ.
މެޗަށް ރާއްޖެ ނުކުތީ ފުރަތަމަ 11 އަށް އަނެއްކާވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާ އެކުގައެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖޭގެ ފޯމޭޝަނަށް ގެނެސްފައިވާ ބަދަލެވެ. ތިން ސެންޓްރަލް ޑިފެންޑަރުންނާއި ވިންގް ބެކުން ބޭނުންކޮށް ރާއްޖެއިން މިއަދުގެ މެޗަށް ނުކުތް އިރު، ސެންޓްރަލް ޑިފެންޑަރުންގެ ގޮތުގައި ފެނުނީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އަހުމަދު ނޫމާން (ހެލްމެޓް)އެވެ. އަރިމަތިން ވިންގް ބެކުންނަށް ފެނުނީ ހުސައިން ޝިފާއު (ކްރޯ) އާއި ހައިސަމް ހަސަން (ބިޑި) އެވެ.
ލަންކާއިން އެންމެ ފާހަގަކުރެވުނީ އާންމުކޮށް ޓީމުގެ ކެޕްޓަން ބޭންޑްގައި ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ބަދަލުގައި ލަކްޕްރިއާ ފެނާންޑޯ މެޗަށް ނުކުތުމެވެ. ސުޖަން މިއަދުގެ މެޗުގެ ސްކޮޑުގައި ނުހިމެނެއެވެ. އޭނާ ހުރީ ދެ ރީނދޫ ކާޑު ހަމަވެ ސަސްޕެންޝަނުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައި ނުވާ އިރު، ޑޮމިނޭޓްކޮށް ކުޅުނީ ރާއްޖެއެވެ. އެހެން ނަމަވެސް ރާއްޖެއަށް އެންމެ އުނދަގޫވީ ލަންކާ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދުމަށެވެ. އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވިފައެއްވެސް ނުވެއެވެ. އެންމެ ރަނގަޅު ފުރުސަތެއް ރާއްޖެއަށް ލިބުނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށެވެ.
އިއްބެ ކުރިއަށް އަރައި އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގޯލްކީޕަރު ބޯމަތިން ވައްޓާލަން އެއްލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ދެވަނަ ހާފުގައި ހަމަލާތައް އިތުރުވާނެ ކަމަށް ބެލެވިފައި އޮއްވައި ހާފުގެ ކުރީކޮޅުގައިވެސް އެ މަންޒަރު ފެނުނެވެ. ފުރަތަމަ ހަމަލާ ފެނުނީ ލަންކާއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. ލަންކާގެ ހިލޭ ޖެހުން، އޭރިއާ ބޭރުން ފަސް ވަރަކަށް ފޫޓެއްހާ ދުރުން މުހައްމަދު ފަޒީލް ފޮނުވާލުމުން މަތަކޮށް ބޭރުކޮށްލީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ. އެ ބޯޅަ ފަޒީލް ޖެހީ ބޫޓުގެ ނުފުށުން އުނދަގޫ ގޮތަކަށެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލަންކާއިން ރަނގަޅަށް ފެށި ނަމަވެސް ލީޑު ނެގީ ރާއްޖެއިންނެވެ. މެދުތެރެއިން ދެވަނަ ހާފަށް ގެނައި ބަދަލާއެކު އިބްރާހީމް ވަހީދު ހަސަން (އިއްބެ) ގެ ކުޅުން ގޯލުގައި ފާހަގަވި އިރު، 63 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެދުތެރެއިން ދުއްވާލި ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށް ހަމްޕު ގޯލު ޖެހީ ލަންކާ ޑިފެންޑަރު ނައްޓާލައިފައި ތިރިތިރިން ގޯލްކީޕަރު ދެފައި ދެގޯޅިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
މެޗުގައި ރާއްޖެއަށް ލީޑު ހިފަހައްޓަން އެންމެ މުހިއްމު މަސައްކަތެއް ކޮށްދިނީ ގޯލްކީޕަރު ފައިސަލެވެ. ލަންކާއަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު އެންމެ ފަހި ފުރުސަތަކީ ސަމުއްޓެ އޭރިއާ ތެރެއިން ލަންކާގެ ކުޅުންތެރިޔަކަށް ކުރި ފައުލުން ލިބުނު ޕެނެލްޓީ ކަމަށްވީ އިރު، ޑިލޯން ޑަ ސިލްވާ ޖެހި ޕެނަލްޓީ ފައިސަލް ވަނީ މަތަކޮށްފައެވެ.
އޭގެ އިތުރުން ޑިލޯން ޑަ ސިލްވާ ޖެހި ބޯޅަ ގޯލު ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، މެޗު ނިމެންދެން ރާއްޖެއިން ލީޑު ހިފަހައްޓައި ލައްކާ ބަލިކުރިއެވެ.