ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު ކަމަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވާދަކުރަން ނިންމަވައިފިއެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އާދަމް މަނިކު ވިދާޅުވީ އޭނާ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އަދި ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުން މާދަމާރޭ އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ކެމްޕއިން ޖަގަހަ ހުންނާނީ މއ. ކާމިނީގޭގައި ކަމަށް ވިދާޅުވިއެވެ.
އާދަމް މަނިކު ވިދާޅުވީ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރަން ނިންމެވީ އޭނާ އުފަންވި ދާއިރާއަށް ވެފައި އެދާއިރާއަށް ހިދުމަތް ކޮށްދިނުމަށް ކަމަށެވެ.
އަދި މަޖިލީހަށް ވަޑައިގަތުމަށް ނިންމެވީ ރާއްޖޭގައި ކަންކަން އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާތީ އެކަންކަމަށް ހައްލެއް ގެނެވެން އޮތީ މަޖިލީހުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާތީ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވިއެވެ. މީގެއިތުރުން އޭނާ ވިދާޅުވީ އިންތިހާބުވެވަޑައިގެންފިނަމަ، ވައްކަމާއި ކޮރަޕްޝަން ނައްތާލުމަށް މަޖިލީހުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.
''އަޅުގަނޑު ބޭނުމެއް ނޫން ދޮގުތައް ހަދައިގެން ނުކޮށްދެވޭނެ ކަންކަމަށް ނަދުރު ގޮވައި ދޮގުތައް ހަދާކަށް. ބައެއް މީހުން ދޮގުތައް ހަދައިގެން އުޅެފައި އަލުން އެދާއިރާއަށް ވާދަކުރަން ނުކެރިގެން އެހެން ދާއިރާތަކަށް ވާދަކޮށްފައި އެބަހުރި. އަޅުގަނޑު އިންތިޚާބުވެއްޖެނަމަ ދާއިރާގެ ރައްޔިތަކު ހާލުގައި ޖެހިއްޖެނަމަ އެހީތެރި ވާނަން.'' އާދަމް މަނިކު ވިދާޅުވިއެވެ.
އާދަމް މަނިކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވަން ނިންމެވި އިރު އެދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވަނީ މުހައްމަދު ރަޝީދު (ބޯދިގު) އެވެ. އަދި ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަނީ ޖަމީލާ އަލީ އެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވެސް އެދާއިރާއަށް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވައިފައެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުގެ ވަރަށް ގާތް އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި އާދަމް މަނިކު އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އެދާއިރާއަށް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން ވަންއޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ''ބައެއް ފަހަރު ނުއަތު ބުރުވެސް އަޅާނެ'' ކަމަށެވެ.