އިލެކްޝަންސް ކޮމިޝަން

ކާށިދޫ ދާއިރާއަށް ވާދަކުރައްވަން ޖާބިރު ފޯމު ހުށަހަޅުއްވައިފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް ވާދަކުރެއްވުމަށް އެ ދާއިރާގެ ކުރީގެ މެންބަރު އަދި ރައީސް ސޯލިހުގެ އެންވޯއީ، އަބްދުﷲ ޖާބިރު ފޯމު ހުށަހަޅުއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން "ވަން އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި ޖާބިރު ފޯމު ހުށަހެޅުއްވީ މިއަދު އެވެ.

ޖާބިރަށް ވަނީ ކުރީން ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވަޑައިގެން ނާކިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.

އިންތިޚާބާ ބެހޭ ގާނޫނުގައި ކުރީން އޮންނަ ގޮތުން ނަމަ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވެއްޖެ ނަމަ އެ މީހަކަށް އެ އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދައެއް ނުކުރެވޭނެ އެވެ.

އެ މައްސަލައިގައި، ޖާބިރު ވަނީ އިންތިޚާބާ ބެހޭ ގާނޫނުގެ އެ މާއްދާ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ، އާންމު އިންތިޚާބުގެ އެ މާއްދާ ބާތިލުކޮށް، ޕްރައިމަރީން ބަލިވި ކެންޑިޑޭޓަކު ވެސް އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހަޅައިފި ނަމަ، ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.