މުހައްމަދު އައުޒަމް
އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލައާ ގުޅިގެން، ކޮންޓެންޓު ފޮނުވުމުގައި ސަމާލުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އިލްތިމާސްކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންނާއި ސަރުކާރުން ގަބޫލުކޮށް ބަޔާން ނެރެފައިވަނިކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބުގެ ސައްޙަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް، ޚަބަރާއި މައުލޫމާތު ޗެނަލް 13 އިން ފަތުރަމުންދާ ކަމަށް އެ ކޮމިޝަނަށް ޝަކުވާ ލިބިފައިވާ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަންގެ އެހެނިހެން މެމްބަރުންގެ އަބުރާއި އިއްޒަތަށް ހުތުރުވާ ގޮތަށް، ސައްޙަނޫން ޚަބަރުތަކާއި މައުލޫމާތު ވެސް އެ ޗެނަލުން ބްރޯޑްކާސްޓު ކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.
އެހެންކަމުން ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ސަމާލުވުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
މުޒާހަރާތަކާއި އެއްވުންތައް ވަގުތުން ބްރޯޑްކާސްޓްކުރުމުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވުމެއް އެއްކޮށް ލައިވްކޮށް ބްރޯޑްކާސްޓްކުރާނަމަ، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ބްރޯޑްކާސްޓްކުރުމަށް ސަމާލުވުމަށްވެސް ވަނީ އަންގާފައެވެ.