އެމްއާރްއެމް

"ރިޔާސީ ކޮމިޝަންގެ ބިލު ފާސްކުރަން ކޯލިޝަނުން އެއްބާރުލުން ނުދޭތީ މައުމޫން ކަންބޮޑުވެވަޑައިގަންނަވާ"

ޝަހީދާ އަބްދުﷲ ސައީދު

ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލު ފާސްކުރުމަށް ސަރުކާރު ކޯލިޝަންގެ މެންބަރުން އެއްބާރުލުން ނުދެއްވާތީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވެވަަޑައިގަންނަވާ ކަމަށް މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ބުނެފިއެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއާރުއެމްގެ ތަރުޖަމާނު ތަޒުމީލު އަބްދުއްސަމަދު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ބިލު ފާސްނުވުމުން ކުރީގެ ރައީސް މައުމޫނާއި އެމްއާރުއެމްއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަން ޕާޓީތަކުގެ މެޖޯރިޓީ އޮވެ، ބިލު ފާސްނުވުމަކީ އެކަން ވާންޖެހޭނެ ގޮތެއް ނޫނެވެ.

އަދި ރައީސް މައުމޫނަކީ ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ކޮރަޕްޝަންތަކާ ދެކޮޅަށް އެންމެ ފުރަތަމަ ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

އެހެންކަމުން ތަޒުމީލު ވިދާޅުވީ ރައީސް މައުމޫންވެސް ހިމެނޭ ގޮތަށް އެކުލަވައިލާފައިވާ ސަރުކާރުގެ ކޯލިޝަނުގެ ތެރެއިން ބައެއް ފަހަރު ފެންނަމުންދާ އެފަދަ މަންޒަރު ތަކަކީ ބަލައިގަންނަން އެހާ ފަސޭހަ ކަންތައްތަކެއް ނޫން ކަމަށެވެ.

އަދި އެބިލު ފާސްނުވެ މިހާ ގިނަދުވަސްވެގެން ދިއުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކެއް ލިބުމުގައި ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ތަޒުމީލު ވިދާޅުވިއެވެ.

ބިލާ މެދު އެމްއާރުއެމްއިން ކަންބޮޑުވުން ފާޅުކުރި އިރު، ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލަށް ވޯޓަށް އެހުމަށް އެންމެ ފަހުން ބޭއްވި ތިން ޖަލްސާގައި އެޖެންޑާކުރި ނަމަވެސް ބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މިއަދު ވޯޓަށް ނުދެވުނު ސަބަބެއްކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ އެބިލު ކޮމެޓީން ދިރާސާކޮށް ތަޅުމަށް ފޮނުވި އިރު އޮތްގޮތް ނޫން ގޮތަކަށް ބިލަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ހަ މެންބަރަކު ސޮއިކޮށް އެކަން އަންގާފައިވާތީ ކަމަށެވެ.

އަދި މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބޭއްވި ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެބިލަށް ވޯޓަށް ނުދެވުނީ އެބިލަކީ ރައްޔިތުންނާ ގުޅުން ހުރި ބިލަކަށް ވުމުން ގާނޫނުގައި ބުނާ އަދަދު ކަމަށްވާ 43 މެންބަރުން ހާޒިރުވެ ވަޑައިނުގަތުމުންނެވެ.