ޝަހީދާ އަބްދުﷲ ސައީދު
މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން، ރަސްމީކޮށް ލޯންޗް ކުރުން އަންނަ މާރިޗު މަހުގެ ހަވަނަ ދުވަހުގެރޭ ބާއްވާގޮތަށް ނިންމައިފިއެވެ.
އެމްއާރުއެމްއިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއާރުއެމްގެ ތަރުޖަމާނު ތަޒުމީލު އަބްދުއްސަމަދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން ސިޔާސީ ހަރާކާތްތައް ހިންގަމުންދާ އެމްއާރުއެމްގެ ފަރާތުން މަޖިލިސް އިންތިޚާބުގައި މިހާތަނަށް ވާދަކުރަން ނިންމާފައިވަނީ 24 ކެންޑިޑޭޓުން ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމަށް ބާއްވާ ހަފްލާ އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ކަމަށާއި އެހަފްލާގައި ރައީސުލްޖުމްހޫރިއްޔާއަށާއި ކޯލިޝަންގެ ލީޑަރުންނަށް ދައުވަތު އަރުވާފައިވާނެ ކަމަށް ތަޒުމީލް ވިދާޅުވިއެވެ.
ތަޒުމީލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ މަޖިލިސް ކެމްޕޭން ކަމަށާއި ކެމްޕެއިން ދުވަސްވަރު ޕާޓީއަށް މެންބަރުން ހަމަކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
އަދި ކެމްޕެއިނަށް ރަށްރަށަށް ދިއުމުން ރައްޔިތުންގެ ތާއީދު ރައީސް މައުމޫނަށް އޮތް މިންވަރު ވަރަށް ބޮޑަށް ފެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.