އެމްއާރްއެމް

ރިޔާސީ ކޮމިޝަންގެ ބިލު ފާސްނުކޮށް ބަހަނާ ދައްކަނީ މެންބަރުންގެ މަސްލަހަތު އޮވެގެންކަމަށް ޔަގީންކުރެވޭ ހިސާބަށް ގޮސްފި: ނާދިރާ

ޝަހީދާ އަބްދުﷲ ސައީދު

ރިޔާސީ ކޮމިޝަންގެ ބިލު ފާސްނުކޮށް، މަޖިލީހުގެ މެންބަރުން ބަހަނާ ދައްކަނީ ރައްޔިތުންގެ މަސްލަހަތަށްވުރެ މެންބަރުންގެ މަސްލަހަތު އޮވެގެންކަމަށް ޔަގީން ކުރެވޭ ހިސާބަށް ގޮސްފި ކަމަށް މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް)ގެ އިސް ބޭފުޅެއް ކަމަށްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާ ދަރަޖައިގެ ކޮރަޕްޝަންގެ އަމަލުތަކާއި ގޮތް ނޭނގޭ މަރުތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޝަނުގެ ބިލު ފާސްނުކޮށް ބަހަނާ ދައްކަނީ ރައްޔިތުންގެ މަސްލަހަތަށްވުރެ މަޖިލީހުގެ ބައެއް މެންބަރުންގެ މަސްލަހަތު އޮވެގެންކަމަށް ޔަގީން ކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލަށް ވޯޓަށް އެހުމަށް އެންމެ ފަހުން ބޭއްވި ތިން ޖަލްސާގައި އެޖެންޑާކުރި ނަމަވެސް ބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މިއަދު ވޯޓަށް ނުދެވުނު ސަބަބެއްކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ އެބިލު ކޮމެޓީން ދިރާސާކޮށް ތަޅުމަށް ފޮނުވި އިރު އޮތްގޮތް ނޫން ގޮތަކަށް ބިލަށް ބަދަލު ގެނެސްފައިވާކަމަށް ބުނެ މެންބަރުން ސޮއިކޮށް އެކަން އަންގާފައިވާތީ ކަމަށެވެ.

އަދި މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބޭއްވި ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެބިލަށް ވޯޓަށް ނުދެވުނީ އެބިލަކީ ރައްޔިތުންނާ ގުޅުން ހުރި ބިލަކަށް ވުމުން ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހާޒިރުވެވަޑައިނުގަތުމުންނެވެ.