ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިސާމްގެ އިތުބާރު ނެތް ކަމަށް މައްސަލަ އަނބުރާ ނަގައިފިއެވެ.
އެކަން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
ޒިޔާއު މިއަދު ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ، އެމައްސަލަ ހުށަހެޅި މެންބަރު މިހާރު އަނބުރާ ނަންގަވާފައިވާ ކަމަށެވެ. ނަމަވެސް މެންބަރު އެ މައްސަލަ ނެންގެވި ސަބަބެއް ވިދާޅުނުވާކަމަށް ޒިޔާއު ވިދާޅުވިއެވެ.
ޕީޖީ ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުﷲ އަހްމަދެވެ.
މިއީ ޕީޖީ ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށްފަހު ނެންގެވި ދެވަނަ ފަހަރެވެ.
ދެ ފަހަރުވެސް އެ މައްސަލަ މަޖިލީހަށް ވެއްދީ އަބްދުﷲ އަހްމަދެވެ.
ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު އަނބުރާ ގެންގޮސްފައިވާއިރު، މިނިވަން މުއައްސާތަކުގެ ކޮމިޓީގެ މުގައްރިރުކަމަށް މިއަދު ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އައްޔަން ކޮށްފަ އެވެ.
އެއީ މިހާތަނަށް އެމަގާމުގައި ހުންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު ރޮޒެއިނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއިން ރޮޒެއިނާ އެ ކޮމިޓީން ވަކިކުރުމުންނެވެ.
މެންބަރު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލާގައި ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީއާ ގާނޫނުން ޕީޖީއަށް މަތިކޮށްފައިވާ ޒިންމާތަކާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.
ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ މިދިޔަ ސަރުކާރުން ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސެކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވާ ކަމަށެވެ.
ޕީޖީ ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގާފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައި މަޖިލީހަށް ހުށަހަޅާފައެވެ.