ޑރ. މުހައްމަދު ޖަމީލް އަހްމަދު

އިސްލާހުކުރަންޖެހެނީ ހަމައެކަނި ޝަރުއީ ނިޒާމެއް ނޫން، ހުރިހާ ނިޒާމެއް އިސްލާހު ކުރަންޖެހޭ: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

1

ރާއްޖޭގައި އިސްލާހުކުރަންޖެހެނީ ހަމައެކަނި ޝަރުއީ ނިޒާމު ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ނިޒާމެއް ވެސް އިސްލާހު ކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލެއްވުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމަށް ފަހު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައެވެ.

ޑރ. ޖަމީލު ވިދާޅުވީ ސިޔާސީ ފަރާތްތަކުންނާއި އަދި އެނޫން ފަރާތްތަކުންވެސް ޝަރުއީ ދާއިރާއަށާއި ފަނޑިޔާރުންނަށާއި ކޯޓުތަކަށް އަމާޒުކޮށް ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ހުއްޓައިލަންޖެހޭ ކަމަށެވެ.

އަދި ރާއްޖޭގެ ހުރިހާ ނިޒާމެއްވެސް އިސްލާހުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ހާލަތާ މެދުވެސް ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ޖެހޭނީ އިހުލާސްތެރި މަސައްކަތްތަކެއް ކުރަން ކަމަށެވެ. އެގޮތުން ޝަރުއީ ނިޒާމުގައި ހުރީ ކޮން މައްސަލަތަކެއްތޯ ބަލައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރަނގަޅު ނިޒާމެއް އެކަށައަޅައިގެން އިސްލާހީ މަސައްކަތް ކުރުމަށް ޖަމީލު އިލްތިމާސްކުރެއްވިއެވެ.

ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟