އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލެއްވުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅި ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްފި އެވެ.
ވީބީ ހަސަންގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަށްފަހު އެވެ.
ވީބީ ހަސަން މަޖިލީހަށް ކުރިމަތިލުމަށް ހުށަހެޅި ފޯމު އިލެކްޝަނުން ބަލައިގަނެފައި ނުވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ސާބިތު ދަރަންޏެއް އޮތްކަމަށް ބުނެއެވެ. ނަމަވެސް ވީބީ ހަސަން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށައަޅާފައި ވަނީ މަތީ ކޯޓުތަކުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައިވާތީ އެވެ. ވީބީ ހަސަން ވަނީ އެނާގެ ފޯމު އިލެކްޝަނުން ބާތިލްކޮށްފައި ވަނީ ފުރިހަމަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް ވިދާޅުވެފައެވެ.
ހަސަން މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފައި ވަނީ އަމިއްލަގޮތުންނެވެ.
މިއަދުގެ ހުކުމަށް ފަހު ސުޕްރީމް ކޯޓުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން ހަސަން ވަނީ އޭނާއަށް ސަޕޯޓްކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މި ފަހަރުގެ އިންތިޚާބުގައި މެދު ހެންވޭރުގެ ގޮނޑި ކާމިޔާބުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.