އަލީ ޔާމިން
ރާއްޖޭގައި ގޭންގްތައް ވުޖޫދުވެގެން އައިސްފައިވާ ކަމަށްވަނީ 1990ގެ އަހަރުތަކުން ފެށިގެންނެވެ. ގޭންގްތައް ވުޖޫދުވެގެން އައިފަހުން 30 އަކަށް އަހަރުވެފައިވާއިރު، އެކި ނަންނަމުގައި ގޭންގްތަކުގެ އަދަދު އިތުރުވަމުން އައިސް މިއަދު މާލޭގައި އެކަނިވެސް 44 ގޭންގު ހަރަކާތްތެރިވެއެވެ. ދިހަ ގޭންގަކީ އާއްމުކޮށް ކުށްކުރާ ކަމަށް ސަލާމަތީ ހިދުމަތްތަކުން ތުހުމަތުކުރާ ގޭންގްތަކެވެ. އޭގެ ތެރެއިންވެސް ޖިނާއީ ބޮޑެތި ކުށްތައް މިހާރުވެސް ކުރާ ނުވަ ގޭންގް އެބަ އޮޕަރޭޓް ކުރެއެވެ.
ބޮޑެތި ކުށްތަކަށް އަރައިގަންނަ ގޭންގްތަކަށް 1،300 މީހުން ނިސްބަތްވާ އިރު، މާލޭގެ ހުރިހާ ގޭންގަކަށް ނިސްބަތްވާ މީހުންގެ އަދަދު 2،800 އަށް އަރައެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އެކި ނަންމުގައި ގޭންގްތައް އޮޕަރޭޓްކުރަމުންދާ އިރު، ގޭންގްތަކުން އެންމެ ފުޅާދާއިރާއެއްގައި ކުރާ އެއް ކަމަކީ މަސްތުވާތަކެތި ޓްރެފިކްކޮށް އޭގެ ވިޔަފާރިކުރުމެވެ. އެތައް މިލިއަން ރުފިޔާއެއް، ކުށުގެ ވެށީގައި ދައުރުކުރުމެވެ.
ގޭންގްތައް ކޮޅަށް ހުރުމުގެ "އަސާގަނޑަކީ" މަސްތުވާތަކެތީގެ ވިޔަފާރިއެވެ. "ގްރަގް ކެފޭ"ތަކުން ދޭ މަސްތުގެ ހިދުމަތުގެ ނަފާގައި އުޅުމެވެ. އެފަދަ އެތައް ތަނެއް މާލޭގެ އެކި ސަރަހައްދުގައި އެބަހުއްޓެވެ. އެފަދަ 40 ވުރެ ގިނަ "ޑްރަފް ކެފޭ" ފުލުހުން ވަނީ މީގެ ކުރިން ބަންދުކޮށްފައެވެ. މަސްތުގެ ވަބާގައި އެތައް ޒުވާނަކު ޖެހިފައިވާއިރު، އެ ވަބާއިން މިންޖުވުމަށް ހުރި ފުރުސަތުތަކުގެ ބޭނުންކުރަނީ މަދުބައެކެވެ. ގްރާމުންނާއި ކިލޯއިންނާއި ޓަނުން މަސްތުވާތަކެތީ އެތެރެކޮށް، އޭގެ ވިޔަފާރި ކުރަމުންދާއިރު، މި ވަބާ ރާއްޖޭގެ މުޖުތަމުން ނައްތައިނުލެވިގެން އުޅޭ ސަބަބުތައްވެސް ގިނައެވެ.
މިއަހަރުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ދިން ޕްރެޒެންޓޭޝަންގައިވާ ގޮތުން، ފާއިތުވި ތިން އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ފުލުހުން ވަނީ 1.4 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މިއީ، މުޖުތަމައަށް ދޫވެއްޖެނަމަ، ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗެވެ. މި ހުރިހާ އެއްޗެއްވެސް އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރަނީ ކަނޑުމަގުންނެވެ. އެއީ އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުގެ މައި މަގެވެ.
"އީރާނުގެ ބޯޓުތަކުގައިވެސް މަސްތުވާތަކެތި ރާއްޖެ އެތެރެކުރޭ، އެފަދަ ބައެއް ބޯޓުތައް އަޅުގަނޑުމެންވާނެ މީގެ ކުރިން އަތުލައިގެންފައި. ބައެއް މަސް ދޯނިތަކުގެ ވެރިން މާލީ މަންފާއަކަށް އެ މީހުންގެ ދޯނިތައް ފަޅުވެރިން ބައިލާފައި އެބަ ހަވާލުކުރޭ އެހެން ފަރާތްތަކާއި، މިއީ ކުރަމުންދާކަމެއް. ފަޅުރަށްތަކުން އަޅުގަނޑުމެންނަށް ކިލޯއިން މަސްތުވާތަކެތި އެބަ އަތުލައިގަނެވޭ" މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ގޮތްތައް ކިޔައިދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަރީފް ވިދާޅުވިއެވެ.
ފުލުހުން ބުނި ގޮތުގައި މަސްތުގެ ނިވާފަތުގައި ގޭންގްތަކުގެ ބޮޑުން ތިބެފައި، ކުށް ކުރުވަން ނެރެނީ 15 އަހަރުވެސް ނުފުރޭ ކުޑަކުދިންނެވެ. ގޭންގްތަކަށް ނިސްބަތްވާ 60 ވުރެ ގިނަ ކުދިން މާލޭގައި ހަރަކާތްތެރިވާ އިރު، އަތޮޅުތަކުގެ ގޭންގްތަކަށް 100 ވުރެ ގިނަ ކުދިން ނިސްބަތްވެއެވެ. އޭގެ ތެރޭގައި ބައެއް ގްރޫޕްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ކުދިންވެސް ހިިމެނެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަށް ގޭންގްތަކުން ކުޑަކުދިން ބޭނުންކުރަނީ 15 އަހަރުން ދަށުގެ ކުދިންނަށް ކުށްތަކުގެ ބުރަ އުފުލަން ނުޖެހޭތީއެވެ. ޖިނާއީ މައްސަލައެއްގައި ހައްޔަރުކުރި ނަމަވެސް އަނބުރާ ހަވާލުކުރަން ޖެހެނީ އާއިލާއަށެވެ. އެހެންވެ، ނަސޭހަތް ދިނުން ފިޔަވައި އެކުދިންނަށް އެޅޭނެ ފިޔަވަޅެއް ނެތެވެ.
"މިފަދަ މައްސަލަތައް އެބަހުރި، ގާނޫނުގައި ހުރި ހަނި ޖާގަތައް ބޭނުންކޮށް ބައެއް މައްސަލަތަކުން އެބަ ސަލާމަތްވޭ. ބައެއް ފަހަރު އަޅުގަނޑުމެންގެ (ފުލުހުންގެ) އިހުމާލާއި ގާނޫނީ ގޮތުން ހުންނަ ބައެއް ކަންކަމުގެ ސަބަބުން މިފަދަ މައްސަަލަތަކުގައި ހައްޔަރުކުރާ މީހުން އެބަ މިނިވަންވޭ" އޭސީޕީ އަރީފް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަކީ މާލީ ބޮޑު މަންފާއެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބޭ ވިޔަފާރިއަކަށް ވަނީ ވެފައެވެ. އެއީ އެއީ ގަނޑުކޮށް ފައިސާ ލިބެން އޮތް ދޮރަކަށް މިވަނީވެފައެވެ. އެހެންވެ ގޭންގްތަކުގެ ލީޑަރުންގެ އެންމެ ބޮޑު ވިޔަފާރިއަކަށްވެސް ވެފައި މިވަނީ މަސްތުވާތަކެތީގެ ވިޔަފާރިއެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން، އެކަމުން ލިބޭ ފައިސާއަށް ހަދަނީ ކީއްތޯ އެއީ އުފެދޭ ސުވާލެކެވެ.
އެކަމުގެ ޖަވާބު ދެއްވަމުން އޭސީޕީ އަރީފް ވިދާޅުވި ގޮތުގައި، އެ ފައިދާ ހުއްދަ ކޮންމެވެސް ވިޔަފާރިއެއްގެ ތެރެއަށް "އިންޖެކްޓް" ކުރަނީއެވެ. އެގޮތުން ރިއަލް އެސްޓޭޓްގެ ދާއިރާ އާއި ސަފާރީ ބޯޓުފަހަރު ގަނެ، އެކަމުގެ ތެރޭގައި އެފައިސާ ހަރަދު ކުރުމަކީވެސް ކުރަމުންދާ ކަމެކެވެ.
"އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ، އަގުބޮޑެތި ކާރު ގަނެ، ޑޮމެއިންގެ ވިޔަފާރީގެ ތެރޭގައިވެސް މިފަދަ ފަރާތްތައް ޝާމިލްވާކަން،" އަރީފް ވިދާޅުވިއެވެ.
ބޮޑެތި ގޭންގްތަކުގެ މިހާރު އޮޕަރޭޓް ކުރަމުން އަންނަނީ ދުނިޔޭގެ ބޮޑެތި މާފިޔާ ގްރޫޕްތައް އޮޕަރޭޓް ކުރަމުން އަންނަ ގޮތަށް ކަމަށް ފުލުހުން ބުނެއެވެ. އެއީ ނުފޫޒުގަދަ ސިޔާސީ ބޭފުޅުން ރުއްސައިގެން، އެމީހުންގެ ނިވަލުގައި މަސައްކަތް ކުރުމެވެ. ފައިސާ އާއި އެނޫންވެސް ތަކެތި ދީގެން އެމީހުންގެ އިތުބާރު ހޯދައިގެން، މައްސަލަތަކުން ރެކުމަކީ މިއަދު ގޭންގްތަކުގެ އެއް މަސައްކަތެވެ.
ސިޔާސީ ފަރާތްތަކުގެ ނިވަލުގައި ތިބެ ގޭންގްތަކުން ދަނީ ދުވަހެއް ދުވަހަކަށް އެމީހުންގެ ބާރު ގަދަ ކުރަމުންނެވެ. އެކަމުގެ ސަބަބުން އެންމެ ބޮޑު ނުފޫޒެއް ފޯރަނީ ރާއްޖޭގެ ކޯޓުތަކަށެވެ. ފުލުހުން ބުނި ގޮތުގައި، ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވަކީލުންނަށް ވަކީލުފީގެ ގޮތުގައި ދޭންޖެހޭ ފައިސާއަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެއް އެފަރާތްތަކަށް ދެއެވެ. ބައެއް ފަހަރު، ގޭންގަކަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިނަމަ ކޮންމެވެސް ދިމާލަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެފައިވާ އިރު، އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ބަލި މީހުން އިންތިހާއަށް ގިނަވެ "މެންޓަލް ކްރައިސިސް" އެއް ރާއްޖެއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. އެއީ މިހާރު އާއްމުކޮށް ރާއްޖެ އެތެރެކުރަނީ "ކްރިސްޓަލް މެތް" އާއި އެނޫންވެސް ސިސްތެޓިކް ޑްރަގް ކަމަށް ވާތީއެވެ.
ފުލުހުންނަށް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނެސް، ގޭންގްތައް މައިތިރިކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާވެސް އެކުގައެވެ. އެކަމުގައި ޝާމިލްވާ ފަރާތްތައް ދެނެގަތުމަށް ރައްޔިތުންގެ ބައިވެރިވުންވެސް އޮވެގެންނެވެ. އަދި ގާނޫނީ އިސްލާހުތައްވެސް ގެނެސް، ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އެޅި، ތަންފީޒުކުރެވިގެންނެވެ.