ރައްޔިތުންގެ މަޖިލިސް

އަޅުގަނޑުމެން މަޖިލީހަށް ހޮވީ 85 މެންބަރުން! ހާޒިރުވަނީ 37!

މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 85 އެވެ. ފޯމިއުލާ އަކީ ކޮންމެ 5000 ރައްޔިތުންނަށް އެެއް މެންބަރެވެ. މެންބަރުންގެ ބޭނުމަކީ ގައުމު ހެޔޮ ގޮތުގައި ކުރިޔަށް ގެންދާން ބޭނުންވާ ގާނޫނުތައް ހެދުމެވެ. ރައްޔިތުންގެ ހެވާއި ގައުމުގެ ހެވާއި ލާބައަށް ވަކާލާތުކުރުމެވެ. މީ މެންބަރުންގެ މަސްއޫލިއްޔަތުގެ އެންމެ ކުރު ޚުލާސާއެެވެ.

ސުވާލަކީ މި މަގުސަދު ހާސިލުކޮށްދިނުމަށް މަޖިލީހުގައި މަސައްކަތްކޮށްދެނީ ކިތަން މެންބަރުންތޯ އެވެ. އެމީހުން މަޖިލީހުގައި ވާހަކަދައްކަނީ ރައްޔިތުންގެ ހައްގުގައިތޯ ނުވަތަ އަމިއްލަ ފައިދާއަށްޓަކައިތޯ އެވެ. އެމީހުންގެ ސަބަބުން މުޅި ގައުމަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެވެ. ތިމާގެ މެންބަރު ކުރާ މަސައްކަތާ މެދު ހިތްހަމަޖެހޭ މި ގައުމުގައި ތިބީ ކިތައް ރައްޔިތުންތޯ މީވެސް މުހިންމުސުވާލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށިގެން ކުރިޔަށްދާ އިރު، މި ސުވާލުތަކުގެ ޖަވާބު މެންބަރުން ވަނީ އަމިއްލައަށް ދެއްވައިފަ އެވެ. އިއްޔެ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހަން ތައްޔާރުގައި އޮތް، ޕެންޝަން ފަންޑުން ހައްޖަށް ދެވޭނެ ގޮތް ހެދުމުގެ ބިލަށް ވޯޓަށް ނޭހޭ ހާލަތަށް މެންބަރުންގެ ކަންކަން ދިއުމުން މިކަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އުމުރުން ދުވަސްވެ، އަދުތޯ މާދަމާތޯ ވެފައި ތިބި އެތައް ދިވެހީން އެ ތިބީ އެ ބިލު އަވަސްވެ، އެ ފައިސާކޮޅުން ހައްޖަށް ދެވޭނެ ފުރުސަތަކަށް އެދިއެދި އެވެ. އަވަހަށް ފާސްވުމުން އެމީހުންނަށް ލިބޭނީ ހާދަ އުފާވެރި އުއްމީދެކެވެ.

ޚިޔާނާތް މުލުން ލުހެލައި، އާއިލާތަކަށް މޮޅިކަމާއި ނިކަމެތިކަން ދީ، ދަރީންނާއި އަނބިން ބިކަވާން ޖެހުނު، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލާން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް އިއްޒަތްތެރި މެންބަރުން ވޯޓު ނުދެއްވާން އުޅުއްވަނީ މެންބަރުންގެ ކޮން މަސްލަހަތެއް އޭގައި އޮވެގެންތޯ އެވެ. މި ގައުމުން ޚިޔާނާތް ނެތިގެން ދާން ނޫނީ ޚިޔާނާތްތެރީންގެ މައްސަލަތައް ބަލައި، ރައްޔިތުންގެ ޚަޒާނާ ލޫޓުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާން ޖެހޭނެ ކަމަށް އިއްޒަތްތެރި މެންބަރުން ގަބޫލުނުކުރައްވަނީތޯ އެވެ.

ގޮތް ނޭނގޭ މަރުތަކުގެ ސަބަބުން، ޔަތީމުވި ދަރީންނާއި ބިކަވި އާއިލާތަކަށް ތަސައްލީއެއް ލިބެން އަންނަނީ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެނެސްގެން ކަމަށްވާ އިރު، ކޮމިޝަނުގެ ބާރުތައް ނުދީ ބިލު ފާސްކުރުން ހުއްޓުވަނީ ކޮން މަސްލަހަތެއް އޮވެގެންތޯ އެވެ؟ ފޮރުވަން ޖެހޭ ކޮން ކަމެއް އޮވެގެންތޯއެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ނެތް ވަރުގެ، ބިޔަ ބޮޑު މަޖިލީހެއް ހޮވައިގެން އަޅުގަނޑުމެން ތިބޭއިރު، ވޯޓު ދެއްވިޔަސް ނުދެއްވިޔަސް ތަޅުމަށް ހާޒިރުވުން އެއީ ކުރައްވާން ޖެހިވަޑައިގަންނަވާ ކަމެއް ނޫންތޯ އެވެ. މަޖިލީހަށް ރައްޔިތުން މެންބަރުން ހޮވީ ވޯޓަށް ފިއްލަވައިގެން އުޅުއްވާންތޯ އެވެ؟

ހަމަ ގައިމުވެސް ޔަގީންވާ ކަމަކީ، ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް އަވަހަށް ބަލަން ރައްޔިތުން ބޭނުންވާ ކަމެވެ. ރައްޔިތުން އަންނަނީ އެ މީހަކަށް އުފުލުނު ގޮތަކަށް ރެޔާއި ދުވާލު އެ އަޑު އުފުލަމުންނެވެ. ހޮޅުއަށި ތަަކާއި މީސް މީޑިއާ އަދި ރަސްމީ މީޑިއާތައް މެދުވެރިކޮށެވެ.

މެންބަރުން ވިދާޅުވަނީ ކޮރަޕްޝަން ނުވަތަ މަރުގެ މައްސަލަތައް ނުވަތަ މީހުން ގެއްލުވައިލައިފައިވުން ފަދަ އެއްވެސް ކަމަކާ އެބޭފުޅުންނާ ގުޅުމެއް ނޯންނާނެ ކަމަށެވެ. އެފަދަ އެއްވެސް ކުށަކަށް މެންބަރުން އަރައިގެންފައި ނުވާނެ ކަމަށެވެ. ޚިޔާނާތުގެ ފައިސާއެއްގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ. މީ ހަގީގަތް ނަމަ މައްސަލައަކީ ކޮބައިތޯ އެވެ؟ ގަޔާ ދިމައަށް ކަމެއް އައިސްފާނެ ކަމަށް ބިރުން އުޅުއްވަންވީ ކީއްވެތޯ އެވެ. މެންބަރުންގެ މައްސަލައެއް ނެތް ނަމަ މެންބަރުންނާ ދިމާއަށް ނުހައްގުން އަންނަ ކޮންމެ ކަމެއްގައި ރައްޔިތުންވެސް ތިބޭނީ މެންބަރުންގެ ފަޅީގަ އެވެ.